ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ކުރިއަށްގެންދާ ރަސްމީ މަސައްކަތްތަކަށާއި ހިންގާ ތަހުގީގުތަކަށް އެއްވެސް ފަރާތަކުން ހުރަސްނޭޅުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެ ކޮމިޝަނުން މިކަމަށް އިލްތިމާސްކުރީ ތަންފީޒީ އިދާރާތަކުގެ މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ އަމަލުތަކެއް ހިނގަމުންދާކަން ފާހަގަކުރެވިގެންނެވެ. އެންއައިސީން ނެރުނު ބަޔާނެއްގައި ފާހަގަކުރެއްވީ، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުންނަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ޤާނޫނީ ބޮޑެތި ޒިންމާތަކެއް ކޮނޑުގައި އެޅިފައިވާ ބައެއް ކަމަށެވެ.
އެހެންކަމުން، އެ މުވައްޒަފުން އަދާކުރަންޖެހޭ ވާޖިބުތަކަށް ހުރަސްއެޅުމަކީ މުޅި މުޖުތަމައުގެ އަމަންއަމާންކަމަށް ބުރޫއަރާނެ ކަމެއްކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ. އެ އިދާރާތަކުން ހިންގާ ތަހުގީގުތަކަށާއި އޮޕަރޭޝަންތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަކީ ހުރިހާ ރައްޔިތުންގެ ވެސް ޤާނޫނީ ވާޖިބެއްކަން އެންއައިސީން ހަނދާންކޮށްދެއެވެ. އަދި ޤާނޫނާ ޚިލާފު އަމަލުތައް ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއަޅާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅޭނެކަން ވެސް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން ވެސް އެމީހުންގެ ވާޖިބުތައް އަދާކުރުމުގައި ޤާނޫނާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން އަމަލުކުރުމަށާއި، ނަޒާހަތްތެރިކަން އިސްކުރުމަށް އެންއައިސީން ވަނީ އިލްތިމާސްކޮށްފައެވެ.


