މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުންދިއުމާ ގުޅިގެން ކަރަންޓުގެ ޑިމާންޑަށް އަންނަ ކުރިއެރުމަށް ހައްލެއް ހޯދުމުގެ ގޮތުން، ހުޅުމާލޭގައި 70 މެގަވޮޓުގެ އާ އިންޖީނުގެއެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޑރ. އަޒުވަރު ވިދާޅުވީ، މާލެ ސަރަހައްދުގައި ކަރަންޓުގެ ބޭނުންޖެހުން އިތުރުވަމުންދާތީ، ކަރަންޓު ފޯރުކޮށްދިނުމުގެ ނިޒާމަށް މިހާރުން މިހާރަށްވެސް ގެންނަންޖެހޭ މުހިންމު ބަދަލުތަކެއް އެބަހުރި ކަމަށެވެ.
މީގެ ކުރިން ކޮންމެ އަހަރަކު އިތުރުވާ ކަރަންޓުގެ ޑިމާންޑަށް ހައްލު ހޯދީ ހައި-ސްޕީޑް ޖެންސެޓްތައް ބޭނުންކޮށްގެން ކަމަށްވީ ނަމަވެސް، ކުރިއަށް އޮތް އަހަރާއި 2028 ވަނަ އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ފޭސް 2 ގައި މީޑިއަމް-ސްޕީޑް ޕަވަރ ހައުސްއެއް ގާއިމުކުރުމަށް ވަނީ ރޭވިފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ޕްލޭންގެ ދަށުން، މިހާރު ހުޅުމާލޭގައި ހުރި އިންޖީނުގެއާ އިންވެގެން "ފިފްތު ޕަވަރ ޕްރޮޖެކްޓް"ގެ ބައެއްގެ ގޮތުގައި 70 މެގަވޮޓުގެ އިންޖީނުގެއެއް އިމާރާތް ކުރުމުގެ މަސައްކަތް ސެޕްޓެމްބަރު މަހު ފެށުމުން، ހުޅުމާލޭގެ މުޅި ކަރަންޓު ކެޕޭސިޓީ 120 މެގަވޮޓަށް ބޮޑުވެގެންދާނެއެވެ.
މީގެ އިތުރުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް ގާއިމުކުރުމުގެ މަސައްކަތްވެސް ސްޓެލްކޯއިން ދަނީ ކުރިއަށްގެންދަމުންނެވެ.




