މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު)ގެ ދަށުން މާފަންނު ރަސްފަންނުގައި އިމާރާތްކުރި ފާޚާނާބަރީގެ މަސައްކަތް ފުރިހަމަކޮށް، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
އިއްޔެ ހަވީރު ރަސްފަންނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން މި ފާޚާނާބަރި ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު މުއީނެވެ. އަދި ވުޒާރާގެ ފަރާތުން މި ފެސިލިޓީއާ ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ.
އެމްޕީއެލްއިން މައުލޫމާތު ދެއްވި ގޮތުގައި، މިއީ އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ އެދިވަޑައިގަތުމުގެ މަތިން އާންމުންނަށް ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

މި މަޝްރޫއުގެ މުޅި ޑިޒައިނިންގ މަސައްކަތް އެމްޕީއެލްގެ ޕްރޮޖެކްޓް ޑިޕާޓްމަންޓުން ނިންމާފައިވާއިރު، އިމާރާތްކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްގެންގޮސްފައިވަނީ އެ ކުންފުނީގެ ފެސިލިޓީ އަދި މެއިންޓެނަންސް ޑިޕާޓްމަންޓުގެ މުވައްޒަފުންނެވެ.
އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ތަރައްގީކުރެވުނު މި ފާޚާނާބަރީގައި ދެ ފާޚާނާއާއި ފެންވަރާނެ އިންތިޒާމު ހަމަޖެހިފައިވެއެވެ. މި ތަން ފަރުމާކޮށްފައިވަނީ ހުރިހާ އުމުރެއްގެ މީހުންގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ވީލްޗެއާގައި އުޅޭ މީހުންނަށްވެސް ދަތިކަމެއް ނެތި ފަސޭހައިން ބޭނުންކުރެވޭނެ ހާއްސަ އިންތިޒާމުތަކާއެކުގައެވެ.
އެމްޕީއެލްއިން ބުނި ގޮތުގައި އިޖުތިމާއީ ޒިންމާގެ ދަށުން ރައްޔިތުންނަށް ސީދާ ފައިދާއާއި ލުއިފަސޭހަކަން ލިބޭނެފަދަ ކަންކަމުގައި ބައިވެރިވުމަކީ އެ ކުންފުނިން އެންމެ އިސްކަމެއްދޭ މުހިންމު ސިޔާސަތެކެވެ.



