މި މަހުގެ 2 ވަނަ ދުވަހު މާލެ އައި ލޯންޗަކުން ބޭލި ފޮއްޓެއް، ބޮޑުތަކުރުފާނު މަގު އެޓޯލްސް ޕާކިންގޒޯންއާ ދިމާ ޖެޓީމަތީގައި ހުއްޓައި ގެއްލިގެން ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
މައްސަލަ ހުށަހެޅި ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި އެ ފޮށީގައި ތިންލައްކައަށްވުރެ ގިނަ ދިވެހި ރުފިޔާ ހުންނާނެއެވެ. މި މައްސަލައާ ގުޅިގެން އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި، ފުލުހުން ކުރި ތަހުގީގުން އެ ފޮށި ވަގަށްނެގި މީހާއާއި ފޮށި ގެންދިޔަ ތަން ވަނީ ދެނެގަނެވިފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވަނީ ލ. މުންޑޫ، ސެވެންސްޓަރ، ޢަލީ ނާޡިމް (44އ) އެވެ. އޭނާ ވަގަށްނެގި ފޮށި ހޯދައި ބަލައިފާސްކުރިއިރު، 248,500 އަށްވުރެ ގިނަ ރުފިޔާގެ އިތުރުން، އެ ފައިސާއިން ގަނެފައިވާ ކަމަށް ބެލެވޭ 7,000 ރުފިޔާގެ މޯބައިލް ފޯނެއް ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.




