ރާއްޖެއަށް ފަސޭހައިން ބޭސް ލިބޭނެ ގޮތް ހެދުމަށްޓަކައި، ވިލާތުގައި ބޭސް އުފައްދާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެސްޓްރާޒެނެކާއެކު ސަރުކާރުގެ ބޭސް ކުންފުނި ސްޓޭޓްފާމާއިން މަސައްކަތް ފަށައިފިއެވެ.
ސްޓޭޓްފާމާއިން ބުނި ގޮތުގައި އެސްޓްރާޒެނެކާއެކު ބޭއްވި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭސްތަކާއި ސިއްހީ ޚިދުމަތްތައް އިތުބާރާއެކު ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރުމާއި، ދެ ކުންފުނީގެ ދެމެދުގައި ދިގު މުއްދަތުގެ ބަދަހި ގުޅުމެއް ގާއިމުކުރުމެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްޤީކުރުމަށް އިސްކަންދޭންޖެހޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
ދިވެހީންނަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަކީ އެންމެ މުހިންމު އަމާޒުކަން ފާހަގަކޮށް ސްޓޭޓްފާމާއިން ބުނީ، ދުނިޔޭގެ ބޮޑެތި ބޭސް ކުންފުނިތަކާއެކު ގާތް ގުޅުމެއް ބޭއްވުމުން ފެންވަރު ރަނގަޅު ބޭސް ލިބޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ. މީގެ އިތުރުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް ޢަބްދުﷲ މާހިރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ބޭސް ގުދަންތައް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު އޮތީ ޕްލޭނިންގ މަރުޙަލާގައެވެ.
އާންމުން އެންމެ ބޮޑަށް ކުރާ ބޭސް ނުލިބުމުގެ ޝަކުވާއާއި، އެއް ބޭސްފިހާރައިން އަނެއް ބޭސްފިހާރައަށް ހިނގަންޖެހުމުގެ އިތުރުން އާސަންދަ ކަވަރުނުކުރާ ބޭސްތަކަށް ޖީބުން ބޮޑު ހަރަދެއް ކުރަންޖެހޭ މައްސަލައަށް ހައްލު ހޯދައިދިނުމަށް އުފެއްދި ސްޓޭޓްފާމާއިން ބޭސް އެތެރެކުރަން ފަށާފައިވަނީ، ކުންފުނި އުފެއްދިތާ ހަ މަސް ފަހުން، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.



