ދުނިޔޭގެ އިގްތިސާދީ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ޓެކްސް ދައްކާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް މީރާއިން ބަލައިގަންނަ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާ ވިދާޅުވެެއްޖެއެވެ.
ކޮމިޝަނަރ މިފަދައިން ވިދާޅުވީ މީރާއަށް 16 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުވި ހާއްސަ މެސެޖުގައެވެ.
އެކަމަނާ ވިދާޅުވީ ޓެކްސް ދައްކާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް މީރާއިން ބަލައިގަންނަ ކަމަށާއި އަދި މިފަދަ ދަނޑިވަޅެއްގައި ޓެކްސް ދައްކާ ފަރާތްތަކާއެކު ގާތުން މަސައްކަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޓެކްސް ނިޒާމު ހިންގުމަށް މީރާއިން އިސްކަންދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. ގާނޫނަށް ކިޔަމަންތެރިވުމަށް ބާރުއަޅައި، ހަމަހަމަކަމާއެކު އިސްތިރާޖީ ވިސްނުމެއްގައި ޓެކްސް ނިޒާމު ކުރިއަށްގެންދިއުމަކީ މީރާގެ މައިގަނޑު އަމާޒެވެ.
ފާއިތުވި 16 އަހަރުގެ ތެރޭގައި މީރާއިން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން އަމީޒާ ފާހަގަކުރެއްވީ، ކުރިން އޮތް ކަރުދާސް ފޯމުތަކާއި ދިގު ކިޔޫތަކުގެ ޒަމާން ނިމުމަކަށް ގެނެސް، ޒަމާނީ އަދި ޓެކްނޮލޮޖީއާ ރައްޓެހި ނިޒާމެއް ގާއިމުކުރެވިފައިވާ ކަމަށެވެ. އެގޮތުން، މިހާރު މީރާއަށް ހުށަހަޅާ ޓެކްސް ބަޔާންތަކުގެ 96 އިންސައްތައާއި، ފައިސާގެ 99 އިންސައްތަ ބަލައިގަންނަނީ އޮންލައިންކޮށެވެ.
މީގެއިތުރުން، މީރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ރޯޑްމެޕުގެ ދަށުން އިލެކްޓްރޯނިކް އިންވޮއިސިން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރައްވައި، މިއީ ވިޔަފާރިތަކަށާއި ޓެކްސް ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މިދިޔަ މަހުގެ 19 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވި އަމީޒާ އިތުރަށް ވިދާޅުވީ، ޓެކްސް ގާނޫނުތަކަށް އަންނަ ބަދަލުތައް އޮމާންކަމާއެކު ތަންފީޒުކުރުމަށް މީރާއިން އިސްކަންދޭނެ ކަމަށެވެ.
މީރާއިން މިފަދަ އިސްނެގުންތަކެއް ނަގަމުންދާއިރު، ދައުލަތަށް ނުލިބި ހުރި ޓެކުހާއި ފީތަކުގެ އަދަދު 14.5 ބިލިއަން ރުފިޔާއަށް އަރާފައިވާކަން އެ އިދާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.



