ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރާ ފުލުހުންގެ ޚާއްޞަ ޔުނިޓުން ބަލަމުންދާ މުހިންމު މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށްޓަކައި ދެ މީހަކު ހާޒިރުވާން އަންގައި ފުލުހުންގެ އިދާރާއިން މިއަދު އިއުލާނުކޮށްފިއެވެ.
ފުލުހުންގެ "ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަންސް" އިން ހޯދަމުންދަނީ ގއ. ކަނޑުހުޅުދޫ، ނިއުޒިލް، ޝިހާނު އަޙްމަދު (27 އަހަރު) އާއި ށ. ކޮމަންޑޫ، ހިޔަލީގެ، އިބްރާހީމް އަޒުހަދު (36 އަހަރު) އެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މި ދެ މީހުން ހޯދައި އާންމުކޮށް އިއުލާނުކުރަން ޖެހުނީ ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރަން އުޅުމުން، އެ މީހުން އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ހަވާލުކުރެވޭ ގޮތް ނުވުމުންނެވެ. އެހެންކަމުން، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ ގާނޫނީ އިޖުރާއަތްތަކުގެ މަތިން އެ ދެ މީހުން ހާޒިރުވުމަށް މިހާރު ވަނީ އަންގާފައެވެ.
މިގޮތުން، ޝިހާނު އަޙްމަދު ކުރިއަށްއޮތް އާދިއްތަ ދުވަހުގެ ހެނދުނު 09:00 އަށް ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށް އަންގާފައިވާއިރު، އިބްރާހީމް އަޒުހަދު ހާޒިރުވުމަށް އަންގާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އަށެވެ. ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުންގެ އިދާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.




