ހުޅުމާލޭގެ ލަކުޑި ޖެޓީގެ އުތުރު ފާލަމަށް ބާޖަކުން ޖެހި ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެ ތަން މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ފަށައިފިއެވެ.
މި ހާދިސާގައި ޖެޓީގެ ސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެ ތަން ބޭނުންކުރާ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އުތުރު ފާލަން މިހާރު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އެޗްޑީސީން މަޢުލޫމާތު ދޭ ގޮތުގައި، އެ މާހައުލަކީ ގިނަ އަދަދެއްގެ އާންމުން ޚިދުމަތް ހޯދަމުންދާ ތަނަކަށްވާތީ، މަރާމާތުގެ މަސައްކަތްތައް އަވަސްކޮށް،ީ ވީހާވެސް އަވަހަކަށް އަލުން އާންމުންނަށް ހުޅުވާލުމަށް އެ ކުންފުނިން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.
މި މަރާމާތުގެ މަސައްކަތަށް ފާލަން ބަންދުކޮށްފައިވާ މުއްދަތުގައި، ޖެޓީ ބޭނުންކުރާ އާންމު ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެޗްޑީސީން ވަނީ މާފަށް އެދިފައެވެ. އަދި އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ ވަސީލަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް، އާންމުންނަށް ފަސޭހަކަމާއެކު ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.



