ކ. ތިލަފުށިން ފުރައިގެން ދަތުރުކުރަނިކޮށް ކ. ގާފަރު ކައިރިއަށް ބަންޑުންޖަހާލި ކޮޅުވެއްޓިން ސަލާމަތްކުރި 8 މީހުން ގާފަރަށް ގެންގޮސްފައިވާ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓިއެއް ދިޔަވެ، ކ. ގާފަރު ކައިރިއަށް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 08:48 އެހާކަންހާއިރުއެވެ.
-
ޖުމްލަ އުޅުނު މީހުން: 10 މީހުން
-
ސަލާމަތްކުރެވުނު މީހުން: 8 މީހުން (ހާލު ރަނގަޅު)
-
ގެއްލިގެން ހޯދާ މީހުން: 2 ބިދޭސީން
މި ހާދިސާގައި ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ކަމާބެހޭ ސަލާމަތީ އިދާރާތަކުން ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ.
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރެއެވެ.



