ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް، އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ)ގެ ޗެއާމަންކަމުގެ މަގާމަށް އައްޔަންކުރައްވައިފިއެވެ. މިއީ ސަރަހައްދީ ބޭންކިން ދާއިރާގެ އެންމެ އިސް މުއައްސަސާގެ މި މަގާމަށް ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ. އޭބީއޭގެ ބޯޑުން ނިންމެވި ނިންމެވުމާ އެއްގޮތަށް ޝަރީފް ވަނީ މިއަދު އެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގެންފައެވެ.
މީގެ ކުރިންވެސް ޝަރީފް ވަނީ އޭބީއޭގެ ލީޑާޝިޕްގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން 2018 އިން 2020 އަށް އެ އެސޯސިއޭޝަންގެ ވައިސް ޗެއާމަންކަން ކުރައްވާފައިވާއިރު، އެސޯސިއޭޝަންގެ ސްޓްރެޓެޖިކް އަމާޒުތަކަށް ވާސިލުވުމަށާއި ސަރަހައްދީ މެންބަރު ބޭންކުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އޭނާގެ ލީޑާޝިޕަށް އޮތް އިތުބާރުގެ ޔަގީންކަމާއެކު، މިދިޔަ އަހަރު އަލުން ވަނީ ވައިސް ޗެއާމަންކަމުގެ މަގާމަށް އައްޔަންކުރައްވާފައެވެ.
"އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ބޯޑާއި މެންބަރު ބޭންކުތަކުން އަޅުގަނޑަށް ކުރައްވާފައިވާ އިތުބާރަށްޓަކައި ނުހަނު ޝުކުރުވެރިވަން. އަޅުގަނޑުގެ ތަޖުރިބާއާއެކު މި މަގާމުގައި އޭބީއޭއަށް ޚިދުމަތްކޮށްދިނުމަކީ ލިބޭ ޝަރަފެއް. އަދި އަޅުގަނޑުގެ އުއްމީދަކީ ބޭންކުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އޭޝިއާގެ ބޭންކިން ސިނާއަތުގެ ކުރިއެރުމަށް މަގުފަހިކުރުމަށްޓަކައި، ބޯޑާއި ސެކްރެޓޭރިއަޓް އަދި މެންބަރު މުއައްސަސާތަކާ ގުޅިގެން ވީހާވެސް ގާތުން މަސައްކަތްކުރުން." އޭބީއޭގެ ޗެއާމަން މުޙައްމަދު ޝަރީފް
ޗެއާމަންކަމުގެ މަގާމާ ޝަރީފް ހަވާލުވެވަޑައިގަތުމާ ގުޅިގެން، އޭބީއޭގެ ސެކްރެޓަރީ ޓްރެޒަރާ ޑރ. ޑާސަން ޗިއު ވަނީ އެސޯސިއޭޝަންގެ އަސާސްތައް ހިފެހެއްޓެވުމަށް ޝަރީފް ކުރައްވަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ. އަދި މެންބަރު ބޭންކުތަކާއި މުޅި ސަރަހައްދުގެ ބޭންކިން ސިނާއަތުގެ ތަރައްގީއަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރާ މަސައްކަތުގައި ސެކްރެޓޭރިއަޓްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.
މީގެ 45 އަހަރު ކުރިން 1981 ވަނަ އަހަރު އުފެއްދި އޭޝިއަން ބޭންކާސް އެސޯސިއޭޝަނަކީ އޭޝިއާ ސަރަހައްދުގެ ބޭންކުތަކާއި ބޭންކިން އެސޯސިއޭޝަންތައް ތަމްސީލުކުރާ އެންމެ އިސް އެއް ސަރަހައްދީ ޖަމިއްޔާއެވެ. އެ މުއައްސަސާގެ މައިގަނޑު މަސައްކަތަކީ ބޭންކިން ދާއިރާގެ އިސްވެރިންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ރެގިއުލޭޓަރުންގެ އިތުރުން ބައިނަލްއަގްވާމީ މާލީ މުއައްސަސާތަކާއެކު ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި، ގާބިލުކަން އިތުރުކުރުމާއި، އެ ވަގުތަކަށް ދާއިރާއަށް އެންމެ އެކަށީގެންވާ އުސޫލުތައް މެންބަރު މުއައްސަސާތަކާ ހިއްސާކުރުމެވެ.
އޭބީއޭގެ ޗެއާމަންކަމަށް ޝަރީފް އައްޔަންކުރެއްވުމަކީ ބޭންކް އޮފް މޯލްޑިވްސްއަށާއި މުޅި ރާއްޖެއަށްވެސް ލިބުނު މުހިންމު ކުރިއެރުމެކެވެ. މީގެ ސަބަބުން ސަރަޙައްދީ ބޭންކިން ލީޑާޝިޕްގައި ދިވެހިރާއްޖެ ތަމްސީލުކުރުން އިތުރަށް ހަރުދަނާވެ ފުޅާވެގެންދާނެއެވެ. މި އަހަރުގެ އޭބީއޭ ކޮންފަރެންސް ސެޕްޓެމްބަރު 1 އިން 3 އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.



