ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ހުޅުމާލެއަށާއި ބ. ދަރަވަންދޫއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކުރައްވައިފިއެވެ.
އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރެކޯޑުކުރެވުނު މިންވަރުތަކަށް ބަލާއިރު، ހުޅުމާލެއަށް 84.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު ދަރަވަންދޫއަށް ވަނީ 83.5 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
ތިންވަނައަށް އެންމެ ގިނައިން ވާރޭވެހުނު އއ. ތޮއްޑޫއަށް 72.3 މިލިމީޓަރުގެ ވާރޭ ރެކޯޑުކުރެވުނުއިރު، ސ. ހިތަދޫއަށް 70.6 މިލިމީޓަރު، ހުޅުލެއަށް 69 މިލިމީޓަރު، މާލެއަށް 66 މިލިމީޓަރު އަދި ގއ. ގެމަނަފުއްޓަށް 61.6 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.
މީގެ އިތުރުން ފ. ބިލެއްދޫއަށް 55.5 މިލިމީޓަރު، ގއ. ކޫއްޑޫއަށް 54.5 މިލިމީޓަރު، ލ. ކައްދޫއަށް 52 މިލިމީޓަރު، ޏ. ފުވައްމުލަކަށް 48 މިލިމީޓަރު އަދި ފ. ނިލަންދޫއަށް 47.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓުން މައުލޫމާތުދެއެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއް ކަމުން މެޓުން ދަނީ އެކި ސަރަހައްދުތަކަށް ފުލުފުލުގައި މޫސުމީ ސަމާލުތައް ނެރެމުންނެވެ. އެގޮތުން އެންމެ ފަހުން މެޓުން ވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވާއިރު، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފައެވެ.




