ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ އަސްކަރީ ހިނގާލުން މިއަދު ހުޅުމާލޭގައި ބޭއްވުމަށް ވަނީ ހަމަޖައްސައިފިއެވެ.
މިއަދު ހަވީރު 16:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ހިނގާލުމުގައި، އެމްއެންޑީއެފްގެ ބޭންޑާއެކު ޖުމްލަ ހަ ގެމައަކުން ބައިވެރިވާނެއެވެ. މި އަސްކަރީ ހިނގާލުމުގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ތަފާތު ކޯރތަކާއި، އަސްކަރިއްޔާގެ އެކި ދާއިރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި ގާބިލުކަން އާންމުންނަށް ދައްކާލުން އޮންނާނެއެވެ.

މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރިންނެވެ. ހިނގާލުމުގެ ތެރެއިން ދެ ސަރަހައްދަކަށް ހުއްޓި، އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑުން ހާއްސަ ރާގުތައް ކުޅުމަށް ވަނީ ރޭވިފައެވެ. އެގޮތުން ބޭންޑުގެ ހަރަކާތްތައް ދައްކާލުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ ހިތިގަސްމަގާއި ހުވަނދުމާހިނގުން ގުޅޭ ސެންޓްރަލް ޕާކް ޖަންކްޝަންގެ އިތުރުން، ހައިވަކަރުމަގާއި ކުދިމާހިނގުން ގުޅޭ ސިފްކޯ ފްލެޓްތައް ކުރިމައްޗެވެ.



