ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އެޕޯލޯ ކްރިސްޓަލް ބިލްޑިންގގެ އަށްވަނަ ފަންގިފިލާގެ އެޕާޓްމެންޓަކުން ދުން އަރަމުންދާ ކަމަށް މިއަދު މެންދުރު 13:57 ހާއިރު ރިޕޯޓުކުރުމާ ގުޅިގެން، އެތަނުގައި ރޯވެފައި ހުރި އަލިފާން ފުލުހުން ވަނީ ނިއްވާލާފައެވެ. ހާދިސާ ހިނގި ވަގުތު އެ އެޕާޓްމެންޓުގައި އެއްވެސް މީހަކު ނެތުމުން، ފުލުހުން އެތަނަށް ވަދެފައިވަނީ އާންމުންގެ އެހީތެރިކަމާއެކު ދޮރު ހަލާކުކޮށްލައިގެންނެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި އަލިފާން ރޯވެފައިވަނީ އެޕާޓްމެންޓުގެ ބެލްކަނީގައި ހުރި ލަކުޑިތަކެއްގައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ތަޙުޤީޤު ކުރަމުންދާއިރު، އާންމުކޮށް ބެލްކަނީގައި ހުންނަ ތަކެތީގައި އަލިފާން ރޯވާ ސަބަބުތަކުގެ ތެރޭގައި އޭސީ އައުޓްޑޯ ޔުނިޓުގައި ރޯވުމާއި މަތީ ފަންގިފިލާތަކުން ސިނގިރޭޓު ނިއްވާނުލައި ވައްޓާލުން ހިމެނެއެވެ.
ފަހަކަށް އައިސް އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު އިތުރުވެފައިވާކަން އެމްއެންޑީއެފްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މި މަހުގެ 5 އިން 11 އަށް އަލިފާނުގެ 7 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، 12 އިން 18 އަށް އެފަދަ މައްސަލަތަކުގެ އަދަދު ވަނީ 12 އަށް އިތުރުވެފައެވެ.




