ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުޅުމާލެ ޖަލުގައި ތަރައްޤީކުރި ޒަމާނީ ފުޓްސަލް ދަނޑު މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މި ފުޓްސަލް ދަނޑު ހުޅުއްވައިދެއްވުމުގެ ޝަރަފު އަރުވާފައިވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލްފާޟިލް ޢަލީ އިޙްސާންއެވެ. ހުޅުމާލެ ޖަލުގައި ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ނަޡީމް އާއި، އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ނަބީޙް އަފީފްގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި އާރްޑީސީގެ އެކި ދާއިރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މަޝްރޫޢަކީ ޖަލުތަކުގެ އޮފިސަރުންނާއި މުވައްޒަފުންގެ އިތުރުން ޖަލުގައި ތިބޭ ފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން މަތީރުކުރުމަށާއި، ކުޅިވަރުގެ ތެރެއިން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް އާރްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވެދިން މުހިންމު އެހީތެރިކަމެކެވެ. މިއީ ޖަލުތަކުގެ ވަސީލަތްތައް ތަރައްޤީކޮށް، މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ދަނޑު ހުޅުވުމުގެ ރަސްމީ ހަރަކާތްތަކާއި ޝަރަފުވެރި މެހެމާނުންގެ ވާހަކަފުޅަށްފަހު، މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ޚާއްޞަ އެކުވެރިކަމުގެ ފުޓްސަލް މެޗެއް ވަނީ ކުޅެފައެވެ. މި މެޗުގައި ބައްދަލުކޮށްފައިވަނީ އާރްޑީސީގެ ފުޓްސަލް ޓީމާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފުޓްސަލް ޓީމެވެ. ފޯރިގަދަކޮށް ދިޔަ މި މެޗާއެކު، ދެ މުއައްސަސާގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދިޔަކަން ފާހަގަކޮށްލެވެއެވެ.



