ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ އިއްޔެ ކުރިއަށްދިޔަ ހާއްސަ އޮޕަރޭޝަނެއްގައެވެ. ކަނޑުމަގުން ގެނައި މުދާތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފޮރުވާފައި ހުއްޓާ ފެނުނު މި ތަކެތި ތަހުލީލު ކުރިއިރު، އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ސިންތެޓިކް ކެތިނޯން" އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3,110 ގްރާމް (3.1 ކިލޯ) ހުރިއިރު، މިއީ މަގުމަތީ އަގަށް ބަލާއިރު ގާތްގަނޑަކަށް 5.6 މިލިއަން ދިވެހި ރުފިޔާގެ ތަކެތި ކަމަށް ކަސްޓަމްސްއިން އަންދާޒާކުރެއެވެ.
މި މައްސަލައާ ގުޅިގެން އަތުލައިގަނެވުނު ތަކެތި އިތުރަށް ތަހުގީގު ކުރުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައެވެ.
ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމާއި މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ދަށުން، އެތެރެކުރާ މުދާ އިތުރަށް ސްކްރީންކޮށް ގަވާއިދާ ހިލާފު ތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއިން ދަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.
"ސިންތެޓިކް ކެތިނޯން" އަކީ ލެބޯޓްރީތަކުގައި ކެމިކަލް ބޭނުންކޮށްގެން އުފައްދާ، އާންމުކޮށް "ބާތު ސޯލްޓްސް" ނަމުން މަޝްހޫރުވެފައިވާ ނުރައްކާތެރި މާއްދާއެކެވެ. މިއީ ސިކުނޑިއަށާއި އިންސާނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދޭ މަސްތުވާތަކެތީގެ ބާވަތެކެވެ.




