ހިލޭ އެހީގެ ގޮތުގައި ދައުލަތަށް މި އަހަރުގެ މިހާތަނަށް 439 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ކަނޑައެޅި 374 މިލިއަން ރުފިޔާއަށްވުރެ 17 ޕަސެންޓް އިތުރު އަދަދެކެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން މި އަހަރު ޕްރޮޖެކްޓް ގްރާންޓުގެ ގޮތުގައި 324 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ކޭޝް ގްރާންޓުގެ ގޮތުގައި އެއްވެސް އަދަދެއް ހިމަނާފައެއް ނުވެއެވެ. މި އަހަރުގެ މިހާތަނަށް ލިބުނު ހިލޭ އެހީގެ އަދަދު ވަނީ މިދިޔަ އަހަރު މުޅި އަހަރަށް ލިބުނު ޖުމްލަ ހިލޭ އެހީއަށްވުރެ ވެސް އިތުރުވެފައެވެ. މިދިޔަ އަހަރު ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް އަހަރު ނިމުނުއިރު ލިބިފައިވަނީ ޖުމްލަ 400 މިލިއަން ރުފިޔާއެވެ. އެއީ ކޭޝް ގްރާންޓުގެ ގޮތުގައި ލިބުނު 34 މިލިއަން ރުފިޔާއާއި ޕްރޮޖެކްޓް ގްރާންޓުގެ ގޮތުގައި ލިބުނު 339 މިލިއަން ރުފިޔާއެވެ.
2021، 2022 އަދި 2023 ވަނަ އަހަރު ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 1 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ލިބިފައިވީ ނަމަވެސް، މެދުރާސްތާގައި ރާއްޖެއަށް ހިލޭ އެހީ ލިބޭ މިންވަރު ދަށްވާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް ދެ އަހަރުވެސް ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވަނީ އަހަރަކު ގާތްގަނޑަކަށް 300 މިލިއަން ރުފިޔާއެވެ.



