ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް އަލުން ތައާރަފުކުރުމަށްޓަކައި އަންނަ އޮގަސްޓު މަހުގެ ތެރޭގައި ބަޔަކާއެކު އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، މި ޚިދުމަތް ދިނުމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ރާއްޖޭގެ ސިވިލް އޭވިއޭޝަން ޤަވާއިދުތަކުގެ ދަށުން އެއާ އޮޕަރޭޓާ ސެޓްފިކެޓް (އޭއޯސީ) ހޯދުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިހާރު ބޭނުންކުރާ ސީޕްލޭންތަކަށް ރޭގަނޑު ދަތުރުނުކުރެވޭތީ ފަތުރުވެރިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެހެންކަމުން، ކޮންމެފަދަ މޫސުމެއްގައިވެސް އަދި ރޭގަނޑާއި ދުވާލު ފަތުރުވެރިން އުފުލޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
މި ޚިދުމަތަކީ ހަމައެކަނި ފަތުރުވެރިން އުފުލުމުގެ އިތުރުން، ބަލިމީހުން އުފުލުމާއި (މެޑިކަލް އިވެކުއޭޝަން) ކަނޑުމަތީގެ ހާދިސާތަކުގައި މީހުން ހޯދުމުގެ (ސާރޗް އެންޑް ރެސްކިއު) ޚިދުމަތް ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ ކަމެކެވެ.
މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، މި ޚިދުމަތް ފަށާ ފުރަތަމަ 3 އަހަރު ދުވަހު، ކޮންމެ މަހަކު 50 ގަޑިއިރަށް އެއްވެސް އަގަކާ ނުލާ ބަލިމީހުން އުފުލުމުގެ ޚިދުމަތް ދޭންޖެހޭނެއެވެ. ނަމަވެސް، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ސަރުކާރުން އަގު އަދާކުރާނެއެވެ.
ސަރުކާރުން ނިންމާފައިވަނީ މި ޚިދުމަތް ދިނުމަށް ހޮވާ އޮޕަރޭޓަރުންނަށް އެންމެ ގިނަވެސް 10 އަހަރުގެ މުއްދަތަކަށް ހުއްދަ ދިނުމަށެވެ. އަދި އަމާޒަކީ އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނޮވެމްބަރު 1 ގެ ކުރިން ރަސްމީކޮށް ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުން ކަމަށްވާއިރު، މި މަސައްކަތުގައި ވައިގެ ދަތުރުފަތުރުގެ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް ބަލާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ.



