ޅ. ނައިފަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑު މަޝްރޫއުގެ ތެރެއިން، އެ ރަށުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މުޅިން ނިންމާލައިފިއެވެ.
އެމްޓީސީސީގެ "މަހާ ޖައްރާފު" ބޭނުންކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ދަށުން ނައިފަރަށް ވަނީ 44.8 ހެކްޓަރުގެ ބިން އިތުރުކޮށްފައެވެ.
މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވިގޮތުގައި، ބިންހިއްކުމުގެ މަސައްކަތް %100 ނިމިފައިވާއިރު، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ %24 ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން 44.80 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، 1،813 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 474 މީޓަރުގެ ގްރޮއިން ޖެހުމުގެ އިތުރުން 803 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. ޖުމްލަ 679.03 މިލިއަން ރުފިޔާއަށް، 630 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 28 ގައެވެ.
ނައިފަރުގެ ބިން ފުރި، ބޯހިޔާވަހިކަމާއި އިގްތިސާދީ ތަރައްގީގެ މަސައްކަތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާތީ، މި ބިންހިއްކުމުގެ މަޝްރޫއަކީ އެ ރަށު ރައްޔިތުންގެ ޒަމާންވީ ބޮޑު އުއްމީދެއް ހަގީގަތަކަށް ވެގެންދިޔަ މުހިންމު މަޝްރޫއެކެވެ.



