އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންދާ 16 މިސްކިތަކާއި، ދެ ރަށެއްގައި ޤާއިމްކުރާ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތަކުގެ މަސައްކަތް ނިމޭނެކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައެވެ.
ވަޒީރު ވިދާޅުވީ އިސްލާމީ ދާއިރާގެ މަޝްރޫޢުތައް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ގުޅިގެން ބިނާކުރާ ދާއިމީ މިސްކިތްތައް މިއަހަރު ނިމުމުގެ ކުރިން ހުޅުވައި، އެ އަވަށުގައި ހަދާފައިވާ ވަގުތީ މިސްކިތްތައް އުވާލެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ފަހުކޮޅުގައި ވަޤުފު މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައްވެސް ނިމޭނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރުވެސް ޖުމްލަ 79 މަޝްރޫޢެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި 45 މިސްކިތެއް ބިނާކުރުމާއި، 12 އިސްލާމީ މަރުކަޒެއްގެ އިތުރުން 16 ޤުރްއާން ސެންޓަރަކާއި ވަޤްފު ބިނާކުރުމުގެ 6 މަޝްރޫޢެއް ހިމެނެއެވެ. މިއިން ކޮންމެ މަޝްރޫޢެއްވެސް ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް އެ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ދައުރުގެ ތެރޭގައި ކުރިއަށްގެންދާ އެންމެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި މާލޭގައި ބިނާކުރާ ދާރުލްއަރުޤަމް އަދި ހުޅުމާލޭގައި ބިނާކުރާ ދާރުއްސަލާމް ވަޤްފު އިމާރާތް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހު ހުޅުމާލޭގައި ފެށުމަށް ވަނީ ރޭވިފައެވެ. މި ބޮޑު މަޝްރޫޢަށް ބޭނުންވާ ފައިނޭންސިންގ ރާއްޖޭން ބޭރުގެ ފަރާތަކުން މިހާރު ވަނީ ހަމަޖެހިފައެވެ.




