ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްގެ އަށް ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ވަނީ ސަލާމަތްތެރިކަމާއެކު ނިއްވާލައިފައެވެ. އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 13:27 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ފަޔާފައިޓަރުން ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެ، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ވަނީ އެއްކޮށް ނިއްވާލައިފައެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ޓަވަރުގެ 19 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބަދިގޭގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އަލިފާނުގެ ސަބަބުން އެޕާޓްމަންޓުގެ ބަދިގެއަށާއި އެތަނުގައި ހުރި ބައެއް ސާމާނުތަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ. އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބު އަދި ކަށަވަރުކުރެވިފައި ނުވާއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.
ހިޔާ ފްލެޓްތަކަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ އުސް އިމާރާތްތަކަކަށް ވުމާއެކު، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ. މީގެ ކުރިންވެސް ބެލްކަނީގައި ހުންނަ ކުނިތަކަށް ސިނގިރޭޓް ފިލްޓަރު އެއްލައިލުމުގެ ސަބަބުންނާއި، ކަރަންޓު ޝޯޓްވުމުގެ ސަބަބުން ބައެއް ހާދިސާތައް ހިނގާފައިވާކަން ރެކޯޑުކުރެވިފައިވެއެވެ.
ގެޭތެރޭގައި ކައްކާއިރު ސަމާލުވުމަށާއި، އަލިފާން ރޯވެދާނެ ފަދަ ތަކެތި ރައްކާތެރިކަމާއެކު ގެންގުޅުމަކީ މހިންމު ކަމެއް ކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ. މި ހާދިސާއާ ގުޅިގެން އެޕާޓްމަންޓަށް ލިބުނު ގެއްލުމުގެ ތަފްސީލީ މައުލޫމާތު ކަމާބެހޭ ފަރާތްތަކުން ދަނީ އެއްކުރަމުންނެވެ.



