މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، މާލޭގައި ދެ ޕާކިން ބިލްޑިން އެޅުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ސަރުކާރުން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި މަޝްރޫއު ފެށުން މިހާތަނަށް މަޑުޖެހިފައި އޮތީ ބޭރުގެ އެހީގައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. ނަމަވެސް، އިތުރަށް މަޑުކުރުމުގެ ބަދަލުގައި މި އަހަރުގެ ތެރޭގައި މަދުވެގެން ދެ ބިލްޑިންގެ މަސައްކަތް ފެށުމަށް މިހާރު ނިންމާފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ޕާކިން ބިލްޑިންތަކެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ބެޗް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހުޅުމާލޭ ފޭސް އެކެއްގައި 13 ބުރީގެ އިމާރާތެއް އެޅުމަށް ވަނީ ނިންމާފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު ޕާކިން ބިލްޑިން ކަމަށް ވާއިރު، މި ތަނުގައި ދެ ފުރޮޅުލީ އުޅަނދަށް 500 އަށް ވުރެ ގިނަ ޖާގަ އަދި հަތަރު ފުރޮޅުލީ އުޅަނދަށް 800 އަށް ވުރެ ގިނަ ޖާގަ ހިމެނޭނެއެވެ.
ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މި މަޝްރޫއުތައް ކުރިއަށް ގެންދާނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް، ޓްރެފިކް ފްލޯއަށް އިސްކަންދީގެންނެވެ. މީގެ އިތުރުން މި އިމާރާތްތަކުގައި ކޮމާޝަލް ސްޕޭސް ނުވަތަ ވިޔަފާރިތަކަށް ޚާއްސަ ސަރަހައްދުތައް ވެސް ހިމެނޭނެއެވެ.
މާލޭގެ ތޮއްޖެހުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހަމައެކަނި އުޅަނދު މަދުކޮށްގެން މި މައްސަލަ ހައްލު ނުވާނެ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ސަރަހައްދީ އާބަން ސެންޓަރުތައް ތަރައްގީ ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މާލޭގައި މީހުން އިތުރުނުވާނަމަ ވެހިކަލްތައް ވެސް އިތުރުނުވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ބާރު މިނުގައި މާލޭގެ އާބާދީ އިތުރުވަމުންއަންނައިރު ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން، މި ޕާކިން ބިލްޑިންގުތަކުގެ މަސައްކަތްތަކާއެކު ޒަމާންވީ ހައްލެއް ނުލިބި އޮތް މި މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
"މިތަނުގައި މީހުން އިތުރުނުވާ ކަމަށް ވާނަމަ ވެހިކަލްތަކެއް ވެސް އިތުރެއް ނުވާނެ ނޫންތޯ. މިފަދަ ބޮޑެތި މައްސަލަތަކަކީ ދެތިން އަހަރުން ނަތީޖާ ފެންނާނެ ކަންކަމެއް ނޫން ނަމަވެސް، މަގުތައް ހެދުމާއި ޕާކިން ބިލްޑިންތައް އެޅުމުގެ މަސައްކަތާއެކު ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ." ރައީސް ވިދާޅުވިއެވެ.



