އެންމެ އަގުހެޔޮކޮށް މުދާ ލިބޭނެ ފިހާރަތައް އާންމުންނަށް ދައްކުވައިދިނުމަށްޓަކައި، އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ 'އަގުމަގު' ޕޯޓަލްގެ ޚާއްސަ މޮބައިލް އެޕްލިކޭޝަން ތައާރަފުކޮށްފިއެވެ. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މި ޕޯޓަލް އެންމެ ފުރަތަމަ އިފުތިތާހުކޮށްދެއްވީ ވޭތުވެދިޔަ އަހަރުގެ ރޯދަމަހާ ދިމާކޮށް، ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، 'އަގުމަގު' އެޕްލިކޭޝަން މިހާރު އެޕަލް އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ފަސޭހަކަމާއެކު ޑައުންލޯޑު ކުރެވޭނެއެވެ. މި އެޕަކީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ އަސާސީ ތަކެތި އެންމެ ހެޔޮ އަގުގައި ލިބެން ހުރި ފިހާރަތައް ދެނެގަނެ، ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ވަގުތުން ބަލައިލެވޭނެ މަގު ފަހިކޮށްދޭ އެޕެކެވެ. މީގެ ތެރޭގައި ކާބޯތަކެތީގެ އިތުރުން ކުޑަކުދިންގެ ނެޕީ ފަދަ ޒަރޫރީ ސާމާނު ވެސް ހިމެނެއެވެ.
https://twitter.com/MoEDmv/status/2077427385348354052
މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބޭނެ ގޮތަށެވެ. އެގޮތުން އެކި ފިހާރަތަކުގައި ތަކެތި ވިއްކާ އެންމެ ހެޔޮ އަގާއި، އެވްރެޖް އަގުގެ އިތުރުން އެންމެ ބޮޑު އަގު ވެސް މި އެޕުން ސާފުކޮށް ފެންނަން ހުންނާނެއެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ރަށްރަށުގައި މުދާ ލިބެން ހުރި އަގުތައް އަޅާކިޔައި ބަލައިލުމުގެ ފުރުސަތު ލިބުމާއެކު، އާންމުން ގަންނަން ބޭނުންވާ ތަކެތީގެ ޚާއްސަ ޝޮޕިންގް ލިސްޓެއް ތައްޔާރުކޮށްލުމުގެ ލުއިފަސޭހަކަން ވެސް އެޕުން ފޯރުކޮށްދެއެވެ.
ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ދެފުށް ފެންނަ ގޮތެއްގައި އާންމުންނަށް ބަލައިލެވޭނެ ނިޒާމެއް ޤާއިމުކޮށް، ޚަރަދުތައް ކުޑަކުރުމަށް މަގުފަހިކޮށްދިނުންކަމަށް މިނިސްޓްރީން ބުނެއެވެ.
މުދަލުގެ އެންމެ ހެޔޮ އަގުތައް ދައްކުވައިދޭ އެޕެއް އިކޮނޮމިކް މިނިސްޓްރީން ނެރެފައި މިވަނީ، ދުނިޔޭގެ ބާޒާރުގައާއި ރާއްޖޭގައި ވެސް ތަކެތީގެ އަގުތައް އުފުލެމުންދިއުމުގެ ކަންބޮޑުވުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކާބޯތަކެއްޗާއެކު އަސާސީ ތަކެތީގެ އަގުތައް މަހުން މަހަށް ދަނީ މަތިވަމުންނެވެ.
އަދި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން، ކުރިއަށް ހުރި މަސްތަކުގައި ވެސް ތަކެތީގެ އަގުތައް އިތުރަށް އުފުލިގެން ހިނގައިދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ލަފާކުރެއެވެ.



