ވިލާތުގެ އިއްތިހާދު (އީޔޫ) އާއި ބެލްޖިއަމަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ރުހުން ދީފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ނަންފުޅު ދިރާސާކުރުމަށް މަޖިލީހަށް ފޮނުއްވީ މި ހިނގާ ޖުލައި މަހުގެ ހަތްވަނަ ދުވަހު ބޭއްވި ޖަލްސާއަށެވެ.
ކޮމިޓީ މަރުހަލާގައި މި މައްސަލަ ދިރާސާކުރުމަށްފަހު، ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ ދިޔާނާއަކީ މި މަގާމަށް ގާބިލު، އަދި ޝަރުތު ހަމަވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އީޔޫ އާއި ބެލްޖިއަމްގެ ސަފީރަކަށް އޭނާ އައްޔަންކުރުމަށް ފެންނަކަމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ދިޔާނާ ސައީދަކީ މީގެ ކުރިން ވެސް ދައުލަތުގެ މަތީ މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަނައިބުކަން ކުރެއްވިއިރު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖެންޑަރ މިނިސްޓަރުކަމުގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ. އަދި ސަފީރުކަމަށް ނަން ފޮނުއްވުމުގެ ކުރިން، މިދިޔަ އެޕްރިލް މަހުން ފެށިގެން އޭނާ ހުންނެވީ ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމުގައެވެ.
ދިޔާނާގެ އިތުރުން، ސައުދީ އަރަބިއްޔާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު ސަރީރު، ބަހުރެއިނަށް ރާއްޖޭން ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް އައްޔަން ކުރެއްވުމަށް ވެސް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ ރުހުން ދީފައެވެ. މި ނިންމުން ވެސް ކޮމިޓީން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ޖުމްލަ އިއްތިފާގުންނެވެ.



