ސްޕެއިންގެ ޒުވާން ސުޕަސްޓާރު ލަމީން ޔަމާލް ބުނީ، މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އޭނާގެ އަމިއްލަ ނަމުގައި ލަނޑުތަކެއް ނުޖެހުނު ނަމަވެސް، ސްޕެއިނަށް މުބާރާތުގެ ރަން ތަށި ކާމިޔާބު ކުރެވޭނަމަ އެކަމާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ. އޭނާ މިހެން ބުނީ ކުއާޓާ ފައިނަލުގައި ބެލްޖިއަމް ބަލިކޮށް، ސެމީ ފައިނަލުގައި ވަރުގަދަ ފްރާންސާ ދެކޮޅަށް ސްޕެއިން ނުކުންނަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
މި ފަހަރުގެ މުބާރާތުގައި ސްޕެއިންގެ ހަމަލާތައް އުުފެއްދުމުގައާއި، ނުރައްކާތެރި ފާސްތައް ދިނުމުގައި ޔަމާލް ދަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ. އޭނާ ފާހަގަކުރި ގޮތުގައި ފުޓްބޯޅައަކީ ޓީމު ކުޅުމެކެވެ. އެހެންކަމުން އަމިއްލަ ނަމުގައި ގިނަ ލަނޑުތަކެއް ރަޖިސްޓްރީ ކުރުމަށްވުރެ، ޓީމަށް އެހީތެރިވެދީ މުބާރާތުގެ އެންމެ ކުރިއަށް ދިއުމަކީ އޭނާ އެންމެ ބޭނުންވާ ގޮތެވެ.
ޔަމާލް ބުނީ ކޮންމެ ފޯވާޑަކުވެސް ލަނޑު ޖަހަން ބޭނުންވާނެ ކަމަށާއި، ނަމަވެސް އެންމެ ބޮޑު އަމާޒަކީ 2026 ގެ ވޯލްޑް ކަޕް ސްޕެއިނަށް ހޯދައިދިނުން ކަމަށެވެ. އެ ބޮޑު އަމާޒު ޙާޞިލްވާނަމަ، އޭނާ މުބާރާތް ނިންމާލަން ޖެހުނީ އެންމެ ލަނޑެއްވެސް ނުޖެހި ކަމަށްވިޔަސް އުފާކުރާނެ ކަމަށް ޒުވާން ކުޅުންތެރިޔާ ބުނެފައިވެއެވެ.
"އަހަރެން ދަނޑުމައްޗަށް ނުކުންނަނީ ލަނޑު ޖަހާކަށް ނޫން، ޓީމު މޮޅުކޮށްދޭން. އަހަރެމެން މިތިބީ ތާރީޚީ ކާމިޔާބީއަކާ ދާދި ގާތުގައި. ސްޕެއިނަށް ތަށި ލިބޭނަމަ އަހަރެން ލަނޑެއް ނުޖެހިޔަސް ހެޔޮ." ޔަމާލު ބުނެއެވެ.
ކުއާޓާ ފައިނަލުގައި ފަހުވަގުތު ބެލްޖިއަމް ބަލިކުރުމުން ޓީމުގެ ރޫހު ވަރަށް މަތީގައި ހުރިކަން ޔަމާލް ފާހަގަކުރިއެވެ. ސެމީ ފައިނަލުގައި ފްރާންސާ ދެކޮޅަށް ނުކުންނައިރު، އެ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެކަން މުޅި ޓީމަށްވެސް އެނގެއެވެ. ނަމަވެސް ސްޕެއިންގެ މިހާރުގެ ފޯމަށް ބަލާއިރު ކޮންމެ ޓީމެއްވެސް ބަލިކުރުމުގެ ގާބިލުކަން އެބަހުރި ކަމަށް ޔަމާލް ވަނީ ބުނެފައެވެ.



