"އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ޕްރިންޓް ކުރުމަށް ބޭނުންކުރާ "ޕާސްޕޯޓު ބުކްލެޓް" ގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ދިމާވި ލަސްތަކަކާ ގުޅިގެން މެދުކަނޑާލި އީ-ޕާސްޕޯޓުގެ ޚިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފެށުމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ނިންމަވާފައެވެ. މި ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ މިދިޔަ މޭ މަހުގެ ތެރޭގައެވެ.
ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ޕާސްޕޯޓް ހެއްދުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް މިހާރު ވަނީ އޯޑަރުދީފައެވެ. އަދި މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އެ ތަކެތި ރާއްޖެއަށް ލިބުމުން، ލަސްނުކޮށް އީ-ޕާސްޕޯޓުގެ ޚިދުމަތް އަލުން ފަށާނެއެވެ.
އީ-ޕާސްޕޯޓުގެ ޚިދުމަތް މެދުކަނޑާލި މުއްދަތުގައި އިމިގްރޭޝަނުން އޯޑިނަރީ ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް ދޫކުރަމުންދިޔައީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" އެވެ. މި ދެ ޕާސްޕޯޓުގެ ތަފްސީލުތަކަކީ:
-
އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު (އީ-ޕާސްޕޯޓު):
-
ޚިދުމަތުގެ ފީ: 1,000 ރުފިޔާ.
-
ޚާއްޞަ ސިފަ: ޕާސްޕޯޓުގައި ހިމެނޭ ޗިޕެއްގައި ޑޭޓާ ރައްކާކުރެވިފައިވެއެވެ.
-
ލިބޭ ލުއި: ކިއުއެއްގައި ނުޖެހި އަމިއްލައަށް ޗެކިންވެވޭ އީ-ގޭޓުގެ ޚިދުމަތް ބޭނުންކުރެވެއެވެ.
-
ކަށަވަރުކުރުން: ފޮޓޯ ނުވަތަ އިނގިލީގެ ނިޝާނުގެ ޒަރިއްޔާއިން ގޭޓުން ވެރިފަރާތް ކަށަވަރުކުރެއެވެ.
-
މުއްދަތު: 5 އަހަރު ދުވަސް.
-
-
އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު:
-
ޚިދުމަތުގެ ފީ: 600 ރުފިޔާ.
-
ހާއްސަ ސިފަ: އިލެކްޓްރޯނިކް ޗިޕެއް ނުހިމެނެއެވެ. ނަމަވެސް މިއީ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.
-
މިންގަނޑު: އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (ICAO) ގެ މިންގަނޑުތަކަށް ފެތެއެވެ.
-
މުއްދަތު: 5 އަހަރު ދުވަސް.
-
އީ-ޕާސްޕޯޓުގެ ޚިދުމަތް މެދުކަނޑާލުމާ ގުޅިގެން ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހަދާފައިވާ ފަރާތްތަކަށް އިމިގްރޭޝަނުން ވަނީ ޚާއްޞަ ލުޔެއް ދީފައެވެ. އެފަދަ ފަރާތްތަކުން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އީ-ޕާސްޕޯޓަކަށް ބަދަލުކުރަން ބޭނުންވެއްޖެ ހާލަތެއްގައި، އެއްވެސް "ކެންސަލޭޝަން ފީ" އެއް ނެގުމަކާ ނުލައި އީ-ޕާސްޕޯޓު ހެއްދޭނެ އިންތިޒާމް އިމިގްރޭޝަނުން ވަނީ ހަމަޖައްސަވައިދެއްވާފައެވެ.




