ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވި ޙުސައިން ސަނީ އުމަރުގެ މައްސަލަތަކުގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހަށް އަނެއްކާވެސް ތާވަލުކޮށްފިއެވެ. އާއްމުކޮށް ހުޅުވައިނުލައި ސިއްރުން ކުރިއަށްގެންދާ މި މައްސަލަތަކުގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މީގެ ދޮޅު މަހެއްހާ ދުވަސް ކުރިންނެވެ. މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ސަނީ އުމަރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ދައުލަތުން ސަނީގެ މައްޗަށް ޖުމްލަ ފަސް ދައުވާއެއް އުފުލާފައިވެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުރި ތިން ދައުވާއަކާއި، ގާނޫނުލްއުގޫބާތުގެ ދަށުން ކުރި ދެ ދައުވާއެއް ހިމެނެއެވެ.
މި ދައުވާތައް އުފުލާފައިވަނީ ތަފާތު ތިން މައްސަލައެއްގައެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކަށް އުމުރުން ހަތް އަހަރުން ފެށިގެން މިދިޔަ އަހަރުގެ އޮގަސްޓް މަހާ ހަމައަށް އެކި ދުވަސްމަތިން ޖިންސީ ގޯނާކުރި މައްސަލައަކާއި، އިތުރު ދެ ކުއްޖެއްގެ ގަޔަށް އަތްލި މައްސަލަ ހިމެނެއެވެ. މި ކޮންމެ ކުށަކަށް 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު އަދަބެއް އަންނާނެއެވެ.
މި ދައުވާ އޭނާގެ މައްޗަށް ކުރީ، ސަނީ އުމަރުގެ ފޯނުގައި މައްސަލައާ ގުޅޭހެކި ހުރިކަމަށް ތުހުމަތުކުރެވި، ފޯނު ހަވާލުކުރަން ކޯޓުން އަމުރުކުރުމުން ފޯނު ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނާ ފޯނު ހަވާލުކޮށްފައި ނުވާތީއެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
މި ދައުވާ އުފުލާފައިވަނީ އޭނާ ގެންގުޅުނު ސިމް ކާޑުގެ މައުލޫމާތު އޮޅުވާލައި ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީއެވެ. މި ކުށަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަތައް ކޯޓުގައި ސާބިތުވެއްޖެނަމަ، ޤާނޫނުގައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ކޯޓުގައި އެދޭނެއެވެ. އެގޮތަށް ކޯޓުން އެންމެ ބޮޑު އަދަބު ކަނޑައަޅައިފިނަމަ، ސަނީ އުމަރުގެ މައްޗަށް މަދުވެގެން 44 އަހަރުގެ ޖަލު އަދަބެއް އަންނާނެއެވެ.




