ލޮނުޒިޔާރަތް މަގުގައި ހުރި ގ. ފުންފަޅު ގޭގެ ހަތަރުވަނަ ފްލޯގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 28 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހިފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. ރޭ 10:49 ހާއިރު ހިނގި މި ހާދިސާގެ އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ރޭ 11:48 ހާއިރުއެވެ.
މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ގިނަ ބަޔަކަށް ފަރުވާދޭން ޖެހުނުއިރު، އޭގެ ތެރެއިން 25 މީހަކަށް ފަރުވާދީފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުންނެވެ. އަދި އޭޑީކޭ ހޮސްޕިޓަލުން 3 މީހަކަށް ވަނީ ފަރުވާދީފައެވެ.
އައިޖީއެމްއެޗަށް ގެންދިޔަ މީހުންގެ ތެރޭގައި ހަ މަހުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ. އެ ކުއްޖާއަށް ބޭނުންވާ އަންނައުނު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދި ބައެއް ވައިބާ ގްރޫޕުތަކުގައި މެސެޖުތައްވެސް ދައުރުވެފައިވެއެވެ.
އެންޑީއެމްއޭއިން ހާމަކުރި ގޮތުގައި އިމާރާތުން ރައްކާތެރިކަމާއެކު ބޭލުނު (އިވެކުއޭޓް ކުރެވުނު) 58 މީހަކަށް އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ހިމެނެނީ 24 ފިރިހެނުންނާއި، 30 އަންހެނުންގެ އިތުރުން 4 ކުޑަކުދިންނެވެ.
އަލިފާން ރޯވި ފަންގިފިލާގެ ތިން އެޕާޓްމަންޓަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ފެންވައިރުގެ މައްސަލަ ދިމާވެ ފެން ނuލިބުނު އެޕާޓްމަންޓްތަކުގެ މީހުންނަށްވެސް އެންޑީއެމްއޭއިން ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ރޭ ހަމަޖައްސައިދީފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. ކަމާބެހޭ އިދާރާތަކުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



