ލޭގެ ބަލިތަކާއި ބޯންމެރޯއަށް އަސަރުކުރާ ކެންސަރުގެ ފަރުވާއަށް ބޭނުންކުރާ "ޑާޒަލެކްސް" ބްރޭންޑްގެ ފޭކް އިންޖެކްޝަންތަކެއް ރާއްޖެއިން ފެނިފައިވާތީ، އެކަމަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޒާރު ނެރެފިއެވެ. ޑަބްލިއުއެޗްއޯގެ ރަސްމީ ވެބްސައިޓުގައި މިދިޔަ ހުކުރު ދުވަހު ޝާއިއުކުރި ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ އިތުރުން މެކްސިކޯއިން ވެސް މި ބޭހުގެ ނަކަލު (ފޭކް) ދެ ބެޗެއް ފެނިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އެ ޖަމިއްޔާއިން ހާމަކުރި ގޮތުގައި، މި ފޭކް ބޭސްތަކަކީ ރަސްމީކޮށް ބޭސް ޑިސްޓްރިބިއުޓް ކުރުމުގެ ހުއްދަ ނެތް ފަރާތްތަކަކުން އެތެރެކޮށްގެން އުޅޭ ތަކެއްޗެވެ. އަދި މިއީ ބޭސް އުފެއްދި ގައުމާއި، ސަޕްލައިކުރި މަގުތައް ގަސްތުގައި އޮޅުވާލައިގެން ބާޒާރަށް ނެރެފައިވާ ނުރައްކާތެރި އުފެއްދުންތަކެއް ކަމަށް ވެސް ޑަބްލިއުއެޗްއޯއިން ފާހަގަކުރެއެވެ.
މި މައްސަލާގައި ފާހަގަކުރެވިފައިވާ ފޭކް ދެ ބެޗަކީ ބެޗު ނަންބަރު MYS7381 އަދި STV1K01 އެވެ. ޑާޒަލެކްސް އިންޖެކްޝަން އުފައްދާ އަސްލު ކުންފުނި ކަމަށްވާ "ޖޭންސެން" އާ ހަވާލާދީ ޑަބްލިއުއެޗްއޯއިން ބުނީ، މިއީ އެ ކުންފުނީގެ އުފެއްދުންތަކެއް ނޫންކަން ކަށަވަރުވެފައިވާ ކަމަށެވެ. މީގެ ތެރެއިން STV1K01 ބެޗުގެ އިންޖެކްޝަން ރާއްޖެއިން ފެނިފައިވާކަން މޯލްޑިވްސް ފުޑް އެންޑް ޑްރަ އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
ޑަބްލިއުއެޗްއޯއިން އިތުރަށް ބުނެފައިވަނީ، ފެނިފައިވާ ފޭކް އިންޖެކްޝަންތަކުގެ ލެބޯޓްރީ ޓެސްޓުތައް އަދި ހަދާފައިނުވާތީ، އޭގެއިން ހަށިގަނޑަށް ކުރާނެ ނޭދެވޭ އަސަރުތައް ސީދާ ދެނެގަނެވިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް، މިފަދަ ނަކަލު ބޭސްތަކުގައި ހަށިގަނޑަށް ބޮޑެތި ގެއްލުންތައް ދޭނެ ވިހަ މާއްދާތައް ހުރުމުގެ ފުރުސަތު ބޮޑުވުމުން، މިއީ ބަލިމީހުންގެ ފުރާނައަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އެ ޖަމިއްޔާއިން ވަނީ އިންޒާރުކޮށްފައެވެ.




