ފުލުހުންގެ މަރުކަޒެއްގައި ބަންދުކޮށްފައި ހުއްޓާ ފިލި މީހަކު، ފުލުހުން ކުރި މަސައްކަތުން ހޯދައި އަލުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. ކުޑަހުވަދޫއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ޒުވާނެކެވެ.
އޭނާ އަލުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އިއްޔެ އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައިވާ ގޮތުން، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ އިތުރުން، އޭނާއަކީ ތަކުރާރުކޮށް ފުލުހުންގެ އަމުރުތަކަށް ނުކިޔަމަންތެރިވެ، ގާނޫނަށް ގޮންޖަހާފައިވާ މީހެކެވެ. މިކަން ސާބިތުކުރުމަށްޓަކައި ފުލުހުންގެ ފަރާތުން ކޯޓަށް ވަނީ އެކަށީގެންވާ ހެކިތަކެއް ހުށަހަޅާފައެވެ.
މި މައްސަލައިގެ ތަހުގީގު އޮފިސަރު (އައިއޯ) ކޯޓުގައި ވިދާޅުވި ގޮތުގައި، އެ ޒުވާނާއަކީ މީގެކުރިން ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ހުރި މީހެކެވެ. ނަމަވެސް، ފުލުހުންގެ އެއްވެސް ހުއްދައެއް ނެތި، އަދި އެތަނުން ނުދިއުމަށް ފުލުހުން ތަކުރާރުކޮށް އަންގަމުން ދަނިކޮށް، އޭނާ ވަނީ ފުލުހުންގެ މަރުކަޒުން ފިލާފައެވެ.
ކޯޓު އަމުރުގައި އިތުރަށް ފާހަގަކޮށްފައިވަނީ، އޭނާ ފުލުހުންގެ ބަންދުން ފިލާފައިވާތީއާއި މައްސަލައިގެ ބާވަތަށް ބަލައި، ތަހުގީގު ފުރިހަމަކުރުމަށްޓަކައި އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުން މުހިންމު ކަމަށެވެ. އެހެންކަމުން، ގާނޫނީ ހަމަތަކުގެ މަތިން އޭނާ ޝަރީއަތް ނިމެންދެން ފުލުހުންގެ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ފުލުހުންގެ ބަންދުން ފިލުމަކީ ޖިނާއީ ބޮޑު ކުށަކަށްވާއިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



