ސްރީލަންކާގެ އަކުރެގޮޑާ ސަރަހައްދުގައި ހިނގި ދެމަފިރިއެއްގެ މަރުގެ މައްސަލައާ ގުޅިގެން އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރެފައިވާ މީހަކު، ރާއްޖެއިން އެ ގައުމަށް ފޮނުވާލުމާއެކު ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން (ބީއައިއޭ) ހައްޔަރުކޮށްފިއެވެ. އޭނާ ލަންކާއަށް އަނބުރާ ފޮނުވާލާފައިވަނީ 2026 ޖުލައި 4 ވަނަ ދުވަހުއެވެ.
ލަންކާ ފުލުހުންނާ ހަވާލާދީ އެގައުމުގެ ނޫހެއްކަމަށްވާ "ޑެއިލީ މިރާ" އިން ރިޕޯޓްކުރާ ގޮތުގައިއުމުރުން 23 އަހަރުގެ އެ މީހާއަކީ އެ ގައުމުގެ އެތުލްގަމާ ސަރަހައްދަށް ނިސްބަތްވާ މީހެކެވެ. އޭނާ ލަންކާއަށް ގެނައުމުގައި ހަރަކާތްތެރިވީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) ގެ ޚާއްޞަ ޓީމެކެވެ. އޭނާ އެއާޕޯޓަށް އެތެރެވާން އުޅެނިކޮށް ދެނެގަނެ ހިފެހެއްޓީ އެއާޕޯޓުގައި ގާއިމުކޮށްފައިވާ އޮޓޮމޭޓެޑް ބަޔޯމެޓްރިކް އީ-ގޭޓް ސިސްޓަމްގެ އެހީގައެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މި އަހަރުގެ ފެބްރުއަރީ 13 ވަނަ ދުވަހު ތަލަންގަމާގެ އަކުރެގޮޑާ ސަރަހައްދުގައި ހިނގި ބަޑީގެ ހަމަލާއެއްގައި ގާނޫނީ ވަކީލަކާއި އޭނާގެ އަންހެނުން މަރާލި ހާދިސާގައި މި މީހާ ވަނީ ބޮޑު ދައުރެއް އަދާކޮށްފައެވެ. ކާރެއްގައި ދަތުރުކުރަމުން ދިޔަ އެ ދެމަފިރިންނަށް ބަޑިން ހަމަލާދިނުމަށްފަހު، ހަމަލާދިން މީހުން ފިލަން ބޭނުންކުރި ވެހިކަލް ދުއްވަން އިނީ އޭނާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި މަރުގެ ހާދިސާ ހިނގިއިރުވެސް އޭނާއަކީ ކުށުގެ ރެކޯޑު އޮތް، އަދި އެހެން މައްސަލަތަކެއްގައި ހަރުކަށި ޝަރުތުތަކާއެކު ކަފާލާތުގެ ދަށުން ދޫކޮށްލާފައި ހުރި މީހެކެވެ. އެގޮތުން 2025 އަހަރު ބަޑިއެއް ގާނޫނީ ހިލާފަށް ގެންގުޅުނު މައްސަލައެއްގައި ފުލުހުން އޭނާ ހައްޔަރުކުރިއެވެ. ނަމަވެސް ކޯޓުން ފަހުން އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލީއެވެ. މީގެ އިތުރުން 2025 އަހަރު ހެރޮއިން ގެންގުޅުނު މައްސަލައެއްގައި އޭނާ ހައްޔަރުކުރުމުންވެސް، ކޯޓުން ވަނީ ހަރުކަށި ޝަރުތުތަކާއެކު އޭނާ ދޫކޮށްލާފައެވެ.
އެގައުމުގެ ކަމާ ބެހޭ އިދާރާތަކުން މިހާރު އަންނަނީ މި މަރުގެ ފަހަތުގައިވާ ނެޓްވޯކާ އޭނާއާ އޮތް ގުޅުން ހޯދުމަށް ބޮޑު ތަހުގީގެއް ހިންގަމުންނެވެ.




