ފަށާތައުލީމު މަރުހަލާގެ ފުރަތަމަ ފޮތް ސެޓް އިސްލާމީ ކަންތައްތަކާ އައުޤާފާއި ބެހޭ މިނިސްޓަރު އަދި މިމަޝްރޫގެ މަސްޢޫލުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ނެރެދެއްވައިފިއެވެ. މި ފޮތް ނެރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، މިއީ ޚާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދިޔަ ތަޢުލީމީ ތަރުބަވީ އިސްލާމީ މުހިންމު މަޝްރޫޢެއް ކަމަށެވެ.
މިއީ 2021 ގައި ފެށި މަޝްރޫޢެއްކަމަށާއި 65 ފޮތް ހިމެނޭ މި މަޝްރޫޢުގައި ބޭބީ ނާސަރީ، ނާސަރީ، އެލްކޭޖީ އަދި ޔޫކޭޖީ މަރުޙަލާގެ ފޮތްތައް ހިމެނޭނެއެވެ. ޤައުމީ މަންހަޖުގައި ހިމެނޭ ހުރިހާ މާއްދާތަކެއްގެ ފޮތްތަކުގެ އިތުރުން، އިސްލާމީ އަދަބު އަޚްލާޤާއި ޢަރަބި މާއްދާއެއް ވެސް މި ފޮތްތަކުގައި ހިމެނެއެވެ.
އިސްލާމީ ފަލްސަފާގެ މައްޗަށް ފައުންޑޭޝަން ސްޓަޑީސް މަރުޙަލާގެ ފޮތްތަކެއް ނެރުމަށް ކުރެވުނު މި މަސައްކަތުގެ ދަށުން މިއަދު ނެރެފައިވަނީ ބޭބީ ނާސަރީގެ 16 ފޮތެވެ. ބާކީ ހުރި 49 ފޮތް ނެރުމުގެ މަސައްކަތް ކުރިއަށްދާއިރު، ހުރިހާ ފޮތެއްވެސް ލިޔެ ނިމިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި ނެރެވޭ ފުރަތަމަ ފޮތް ސެޓެވެ.
ފޮތްކިޔާ މިންވަރު އިތުރުކުރުމުގެ ގޮތުން މި ފޮތްތައް އެކުލަވައިލެވިފައިވަނީ ބެލެނިވެރިންނަށް ވެސް ގޭގައި ދަރީންނަށް ކިޔަވައި ދެވޭ ގޮތަށާއި، ފައުންޑޭޝަން މަރުހަލާގައި ޕްރީ ސްކޫލުތަކުގައި ވެސް ބޭނުން ކުރެވޭ ގޮތަށެވެ.
"މިއީ ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދިޔަ ތަޢުލީމީ ތަރުބަވީ އިސްލާމީ މުހިންމު މަޝްރޫޢެއް ކަމަށެވެ. އަދި މިއީ 2021 ގައި ފެށި މަޝްރޫޢެއްކަމަށާއި 65 ފޮތް ހިމެނޭ މި މަޝްރޫޢުގައި ބޭބީ ނާސަރީ، ނާސަރީ، އެލްޖޭޖީ، ޔޫކޭޖީ މަރުޙަލާގެ ފޮތް ހިމެނޭ." - މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞަޢީދު
އިސްލާމީ ތަރުބަވީ ފަލްސަފާގެ އަލީގައި ތައްޔާރުކޮށްފައިވާ މި ފޮތް ސެޓް ލިޔެ އެކުލަވައިލެއްވީ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަންގެ ކުރީގެ ކަރިކިއުލަމް ޑިވެލޮޕަރ މަރިޔަމް ޝަޒްނާއެވެ. މީގެ އިތުރުން ޤުރްއާން މާއްދާގެ ފޮތް ތައްޔާރުކުރެއްވުމުގައި ޢާބިދާ މިސް ބައިވެރިވެލެއްވިއިރު، ބޭބީ ނާސަރީގެ ޢަރަބި މާއްދާގެ ފޮތް ތައްޔާރު ކުރެއްވީ ނީނާ މިސްއެވެ. ފޮތްތަކުގެ ކުރެހުންތައް ތައްޔާރުކޮށް ޑިޒައިން ކުރީ ޚަދީޖާ ޢަބްދު ﷲ އެވެ.



