ދުނިޔޭގެ މިއުޒިކް އިންޑަސްޓްރީގައި މިހާތަނަށް އެންމެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ އެމެރިކާގެ ސުޕަރސްޓާރ ޓޭލާ ސުވިފްޓް، އޭނާގެ ލޯބިވެރިޔާ އަދި އެންއެފްއެލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޓްރެވިސް ކެލްސީއާ ކައިވެނިކޮށްފިއެވެ.
ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގިނަ ދުވަސްތަކެއް ވަންދެން މީޑިއާގެ ސަމާލުކަން ހުއްޓިފައި އޮތް މި ދެތަރިންގެ ކައިވެނީގެ ޙަފްލާ ކުރިއަށްދިޔައީ އާއިލާގެ މެންބަރުންނާއި ވަރަށް ގާތް ރައްޓެހިންގެ ހާޒިރުގައެވެ. ރިޕޯޓުތަށް ބުނާގޮތުން މި ދެތަރިން ކައިވެނިކޮށްފައިވަނީ ޖުލައި މަހުގެ 3 ވީ ހުކުރު ދުވަހު ނިއުޔޯކްގެ މަޝްހޫރު މެޑިސަން ސްކޮޔަރ ގާޑްގައެވެ. މި ކުލަގަދަ ކައިވެނީގެ ޙަފްލާގައި ދެފަރާތުގެ އާއިލާގެ އިތުރުން 1،000 އަށްވުރެ ގިނަ މެހެމާނުން ބައިވެރިވެ އުފާފާޅުކޮށްފައެވެ.

2023 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އާންމުކޮށްފައިވާއިރު، ގިނަ ދުވަސްތަކެއް ވަންދެން ސިއްރު ރޭވުންތަކަކަށްފަހު ދެމީހުން އެންގޭޖްވެފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެންގޭޖްމަންޓަށްފަހު ކައިވެނީގެ ތައްޔާރީތައް ވަރަށް ސިއްރުވެރިގޮތަކަށް ކުރިއަށްގެންދިޔައިރު، ޓްރެވިސް ކުޅޭ އެމެރިކަން ފުޓްބޯޅަ މެޗުތައް ބެލުމަށް ޓޭލާ ސްޓޭޑިއަމްތަކަށް ދިއުމާއި، ޓޭލާގެ ދުނިޔޭގެ މަޝްހޫރު 'އެރާސް ޓުއާ' ކޮންސެޓްތަކުން ޓްރެވިސް ފެނިގެންދިއުން ވެގެންދިޔައީ މުޅި ދުނިޔޭގެ މީޑިއާތަކުގެ ސުރުޚީތަކަށް އެންމެ ބޮޑަށް އެރި ޚަބަރުތަކަށެވެ. މި ކައިވެނީގެ ޚަބަރާއެކު ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި ޓޭލާގެ މިލިއަނުން ހިމެނޭ ސަޕޯޓަރުން (ސްވިފްޓީޒް) އަންނަނީ ސޯޝަލް މީޑިއާގައި ދެމަފިރިންނަށް މަރުޙަބާ ކިޔައި، އުފާފާޅުކުރަމުންނެވެ.
މިއީ މިއުޒިކީ ތާރީޚުގައި އެންމެ ގިނަ ރެކޯޑްތައް މުގުރާލައި، ގްރެމީ އެވޯޑްސްގެ 'އަލްބަމް އޮފް ދަ އިޔާ' އެވޯޑް ހަތަރު ފަހަރަށް ހާސިލުކުރި ހަމައެކަނި ފަންނާނުގެ ޝަރަފް ހޯދާފައިވާ ޓޭލާ ސުވިފްޓް (36 އަހަރު) ގެ ފުރަތަމަ ކައިވެންޏެވެ. ކައިވެނީގެ އިތުރު ތަފްޞީލުތައް މީޑިއާތަކުން ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، މި ޚަބަރާއެކު މުޅި މުނިފޫހިފިލުވުމުގެ ދާއިރާއަށް ވަނީ ވަރަށް ބޮޑު ހަލަބޮލިކަމެއް އައިސްފައެވެ.



