އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން، ސިވިލް ސަރވިސް ކޮމިޝަނުގެ (ސީއެސްސީ) މުވައްޒަފުންނަށް އަމާޒުކޮށްގެން ޚާއްޞަ 'ޓީމް ބިލްޑިންގ' ހަރަކާތްތަކެއް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފިއެވެ.
މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުން ކ. ތުލުސްދޫގައި ދާދިފަހުން ބޭއްވި އެ ކޮމިޝަނުގެ އަހަރީ ސްޓާފް ރިޓްރީޓުގެ ތެރެއިންނެވެ.
މި ރިޓްރީޓްގައި އެ ކޮމިޝަނުގެ އެކި ދާއިރާތަކާއި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ ޖުމްލަ 65 މުވައްޒަފުން އަމަލީގޮތުން ބައިވެރިވެފައިވެއެވެ. މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އަށަގަންނުވައި، ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ މި ހަރަކާތްތަކުގައި ޝައުޤުވެރި ޓީމް ބިލްޑިންގ ގޭމްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
މިގޮތުން މުވައްޒަފުންގެ ވިސްނުމާއި ޖިސްމާނީ ހަރަކާތްތެރިކަން އިތުރުކޮށްދޭ ގޮތަށް ފަރުމާކުރެވުނު މި ކުޅިވަރުތަކުގެ ސަބަބުން، އޮފީސް މާޙައުލުން ބޭރުން އެކަކު އަނެކަކަށް އެއްބާރުލުންދީގެން މަސައްކަތްކުރުމުގެ މުހިންމުކަން ބައިވެރިންނަށް ދަސްވެގެންދިޔައެވެ.
މި ހަރަކާތްތައް ފަރުމާކޮށް، ރާވައި އަދި ސީދާ މައިދާނުގައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ތަޖުރިބާކާރު ސިފައިންނެވެ. ސިފައިންގެ އިރުޝާދާއި ބެލުމުގެ ދަށުން ކުރިއަށްދިޔަ މި ހަރަކާތްތަކުގެ ސަބަބުން، މުވައްޒަފުންގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެ، އޮފީސް މާޙައުލުން ބޭރުން އާ ތަޖުރިބާތަކެއް ލިބިގެންދިޔަކަން ބައިވެރިން ފާހަގަކުރިއެވެ.


