ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި މެކްސިކޯއާ އެމީހުންގެ އަމިއްލަ ދަނޑުގައި ބައްދަލުކުރުމަކީ ކޮންމެ ޓީމަކަށްވެސް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް މި މެޗު މެކްސިކޯ ސިޓީ ފަދަ ކަނޑަށްވރެ 2،200 މީޓަރު އުހުގައި އޮންނަ ސަރަހައްދެއްގައި ކުޅެން ޖެހިއްޖެނަމަ، އިންގްލެންޑަށް ކުރިމަތިވާނީ މުޅިން ތަފާތު އިމްތިހާނެކެވެ. އުސް ސަރަހައްދުތަކުގައި ވައިގެ ޕްރެޝަރު ދަށްވުމުގެ ސަބަބުން ނޭވާލާ ކޮންމެ ފަހަރަކު ހަށިގަނޑަށް ލިބޭ އޮކްސިޖަން މަދުވެ، ކުޅުންތެރިން އަވަހަށް ވަރުބަލިވުމާއި، ހަށިގަނޑުން ފެންމަދުވުމުގެ މައްސަލަ ކުރިމަތިވެއެވެ. މީގެ އިތުރުން މިއީ ބޯޅަ ދަތުރުކުރާ ދުވެއްޔަށްވެސް ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ.
ކުއާޓާ ފައިނަލުން ޖާގައެއް ހޯދުމަށްޓަކައި އިންގްލެންޑްގެ ކޯޗިންގް ސްޓާފުންނާއި މެޑިކަލް ޓީމުން ސައިންސް، ނިއުޓްރިޝަން އަދި ޓެކްޓިކަލް ގޮތުން ޚާއްޞަ ރޭވުންތަކެއް ރާވަންޖެހެއެވެ.
އުސް ސަރަހައްދުތަކަށް ހޭނުމަށްޓަކައި ކުޅިވަރު ސައިންސްވެރިން ދެ ގޮތެއް ލަފާދެއެވެ. ފުރަތަމަ ގޮތަކީ މެޗުގެ ދިހަ ނުވަތަ ސާދަ ދުވަސް ކުރިން އެ ސަރަހައްދަށް ގޮސް ހަށިގަނޑު ވައިގެ ހާލަތަށް ހޭނުވުމެވެ. ނަމަވެސް ވޯލްޑް ކަޕްގެ ކުރު ތާވަލުގެ ސަބަބުން މިއީ ކުރެވޭނެ ކަމެއް ނޫނެވެ.
ދެވަނަ ގޮތަކީ މެޗު ފެށުމުގެ އެންމެ 24 ގަޑިއިރު ކުރިން މެކްސިކޯއަށް ދިއުމެވެ. އިންގްލެންޑަށް އެމީހުންގެ ބޭސް ކޭމްޕްގައި ގިނަ ދުވަހު މަޑުކޮށްފައި، މެޗާ ދާދި ކައިރިކޮށްފައި ދިއުމުން، އުސް ސަރަހައްދުގެ ސަބަބުން ނިދުމަށާއި ހަށިގަނޑަށް އަންނަ ބަދަލުތަކުގެ އަސަރު ބޮޑުވުމުގެ ކުރިން މެޗު ކުޅެ ނިންމާލެވޭނެއެވެ.
އިންގްލެންޑްގެ ކޯޗުންނަށް އެމީހުން އާންމުކޮށް ކުޅޭ ހައި ޕްރެސިންގް ގޭމް މި މެޗުގައި ބޭނުން ނުކުރެވޭނެއެވެ. މިފަދަ ސަރަހައްދެއްގައި ނުވަދިހަ މިނެޓް ވަންދެން ބޯޅަ ފަހަތުން ދުވުމަކީ ކުޅުންތެރިން މުޅިން ހަލާކުވެދާނެ ކަމެކެވެ. އެހެންކަމުން އިންގްލެންޑުން ޖެހޭނީ ދިފާއީ ބްލޮކެއްގައި ތިބެގެން، ވައިގެ ހާލަތަށް ބަލައި ވަކި ޚާއްޞަ ވަގުތުތަކެއްގައި އެކަނި ޕްރެސް ކުރާށެވެ.
މީގެ އިތުރުން ބޯޅަ ހިފަހައްޓައިގެން ކުޅުމަކީ ވަރުބަލިވުމުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު މަގެވެ. ލަސް އަދި ރޭވުންތެރި ޕާސްތަކެއް ޖަހައިގެން ބޯޅަ ކޮންޓްރޯލް ކުރުމުން، މެކްސިކޯގެ ކުޅުންތެރިން ދުވަންޖެހޭ ގޮތް ހެދިދާނެއެވެ. އަދި އިންގްލެންޑްގެ ބެންޗުގައި ތިބި ވަރުގަދަ ކުޅުންތެރިންގެ ބޭނުން ހިފައި، ލިބޭ ފަސް ސަބްސްޓިޓިއުޝަން އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުން މުހިންމެވެ.
އުސް ސަރަހައްދުތަކުގައި ވައި ތުނިވުމުގެ ސަބަބުން ބޯޅަ ދަތުރުކުރާ ދުވެލި ހަލުވިވެފައި ދާ ބާރުގަދަވާނެއެވެ. މިއީ ގޯލްކީޕަރުންނާއި ޑިފެންޑަރުން ޖަހާ ދިގު ޕާސްތައް ދަނޑުން ބޭރަށް ދިއުމަށް މެދުވެރިވާ ކަމެކެވެ.
އިންގްލެންޑްގެ ކުޅުންތެރިން މެޗުގެ ކުރިން ބާއްވާ ވޯމްއަޕް ސެޝަންތަކުގައި ޕާސްތަކުގެ ބާރުމިން ކޮންޓްރޯލް ކުރަން ދަސްކުރަންޖެހޭނެއެވެ. ޚާއްޞަކޮށް ކީޕަރު ޖޯޑަން ޕިކްފޯޑްގެ ދިގު ބޯޅަތަކާއި އިންގްލެންޑްގެ ހިލޭ ޖެހުންތަކުގައި ބޯޅަ ފޮނުވާލާ ބާރުމިން އަލުން ކަލްކިއުލޭޓް ކުރަން ޖެހޭނެއެވެ.
އިންގްލެންޑްގެ މެޑިކަލް ޓީމުން ކުޅުންތެރިންގެ ހަށިގަނޑަށް ބޭނުންވާ ފެނާއި އިލެކްޓްރޯލައިޓްސްގެ މިންވަރު މެޗުގެ އެތައް ދުވަހެއް ކުރިން މޮނިޓަރ ކުރަންޖެހޭނެއެވެ. އެއީ އުސް ސަރަހައްދުތަކުގެ ވައި ހުންނަގޮތުން ހަށިގަނޑުން ފެންމަދުވާލެއް އަވަސްވާނެތީއެވެ.
ހަމައެއާއެކު، އޮކްސިޖަން މަދުވުމުން ހަށިގަނޑުން ކާބޯހައިޑްރޭޓްސް އަންދާލާ މިންވަރު އިތުރުވާތީ، ޓީމުގެ ޝެފުން ތައްޔާރުކުރާ ކާނާގައި ކާބޯހައިޑްރޭޓްސް ގިނަކުރަންޖެހެއެވެ. އަދި ފުރަތަމަ ހާފަށްފަހު ހާފްޓައިމް ބްރޭކްގައި ކުޅުންތެރިން އަވަހަށް ރިކަވަރ ކުރުމަށްޓަކައި ޑްރެސިންގް ރޫމްގައި އޮކްސިޖަން މާސްކް ބޭނުންކުރުމަކީވެސް އެންމެ އެދެވޭ އެއް ފަރުވާއެވެ.



