2026 ގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މުޅި ދުނިޔެ ސިއްސުވާލި ކޭޕް ވާޑްގެ އުމުރުން 40 އަހަރުގެ ގޯލްކީޕަރު ވޮޒީނިއާ (ޖޮސިމާ ޖޮސޭ އެވޯރާ ޑިއަސް) ވެގެންގޮސްފައިވަނީ އެންމެ ރެޔެއްގެ ތެރޭގައި ސޯޝަލް މީޑިއާގައި އުފެދުނު އެންމެ ބޮޑު ސުޕަރސްޓާރަށެވެ.
މުބާރާތުގެ ވަރުގަދަ ސްޕެއިން ހިފަހައްޓައި، އޭނާ ދެއްކި އާދަޔާހިލާފު މޮޅު ކުޅުމާއެކު، އިންސްޓަގްރާމްގައި އެންމެ 50،000 ފޮލޯވަރުން ތިބި ވޮޒީނިއާގެ ފޮލޯވަރުންގެ އަދަދު ވަނީ ކުއްލިއަކަށް 17.6 މިލިއަނަށްވުރެ މައްޗަށް އަރައި، ދުނިޔޭގެ މަޝްހޫރު ކުޅިވަރު ލެޖެންޑުން ކަމަށްވާ ޓޮމް ބްރޭޑީ ފަދަ ތަރިންނަށްވުރެވެސް ކުރި ހޯދާފައެވެ.
އާބާދީގައި އެންމެ 500،000 އެއްހާ މީހުން އުޅޭ އެފްރިކާގެ ކުޑަ ޖަޒީރާ ގައުމެއް ކަމަށްވާ ކޭޕް ވާޑްއިން ޖޫން 15 ގައި ސްޕެއިންއާ ދެކޮޅަށް ނުކުތީ މެޗުން ބަލިވާނެ ކަމަށް އެންމެން ގަބޫލުކޮށްގެން ތިބި ހާލަތެއްގައެވެ. ނަމަވެސް ވޮޒީނިއާ ވަނީ ސްޕެއިންގެ ނުރައްކާތެރި 7 ހަމަލާއެއް ހުއްޓުވައި، ކޭޕް ވާޑަށް ވޯލްޑް ކަޕްގެ ތާރީޚީ ފުރަތަމަ ޕޮއިންޓް ހޯދައިދީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. ދަނޑުމަތީގައި ދެއްކި މި މޮޅު ކުޅުމުގެ އިތުރުން، ސޯޝަލް މީޑިއާގައި އޭނާގެ ނަން މަގުބޫލުވެގެންދިޔައީ ބްރެޒިލްއިން ލިބުނު ބޮޑު ސަޕޯޓަކާ ގުޅިގެންނެވެ.
ވޮޒީނިއާގެ ފޮލޯވަރުންގެ އަދަދު ކުއްލިއަކަށް މިހާ ބޮޑަށް އިތުރުވީ ބްރެޒިލްގެ މަޝްހޫރު ސްޓްރީމަރު ކަސިމީރޯ "ކަޒޭ" މިގިއެލްގެ ސަބަބުންނެވެ. ބްރެޒިލްގެ މިލިއަނުން މީހުން ބަލަމުންދިޔަ ލައިވް ބްރޯޑްކާސްޓެއްގެ ތެރޭގައި، ކަޒޭ ވަނީ އޭނާގެ ޗެނަލަށް ސަބްސްކްރައިބް ކުރުމުގެ ބަދަލުގައި ވޮޒީނިއާއަށް އިންސްޓަގްރާމްގައި ފޮލޯކުރުމަށް އެދިފައެވެ.
"އާންމުކޮށް އަހަރެމެން އެދެނީ ސަބްސްކްރައިބް ކުރަން. އެކަމަކު މިއަދަކު ސަބްސްކްރައިބް ކުރާކަށް ނޭދޭނަން، މިއަދު އެދެނީ ފޮލޯކޮށްދޭން. ވޮޒީނިއާއަށް ފޮލޯކޮށްދީ. އޭނާ އެދަނީ ސްޕެއިން ހުއްޓުވަމުން. އޭނާ އެދަނީ މުޅި ދުނިޔެ ސިއްސުވާލަމުން."- ކަސިމީރޯ "ކަޒޭ" މިގިއެލް.
މި ގޮވާލުމާއެކު ބްރެޒިލްގެ ސަޕޯޓަރުން ވޮޒީނިއާގެ އިންސްޓަގްރާމް ފޮލޯކުރަން ފެށިއެވެ. އެންމެ 24 ގަޑިއިރު ތެރޭގައި 10 މިލިއަން ފޮލޯވަރުން ހަމަވިއިރު، ގްރޫޕް ސްޓޭޖް ނިމުނުއިރު އެ އަދަދު ވަނީ 17.6 މިލިއަނަށް އަރާފައެވެ.
'އެޕެކްސް މާކެޓިންގ' ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސްޕެއިން މެޗަށްފަހު އެންމެ ހަފުތާއެއްގެ ތެރޭގައި ވޮޒީނިއާ ވަނީ ސޯޝަލް މީޑިއާއާއި، ޓީވީ އަދި ޚަބަރުތަކުގެ ޒަރީއާއިން 17.7 މިލިއަން ޑޮލަރުގެ ބްރޭންޑް ވެލިއު އެއް ހޯދާފައެވެ.
ވޮޒީނިއާގެ މި އަވަސް ކުރިއެރުމާއެކު އޭނާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު މިހާރު ވަނީ 17.6 މިލިއަނަށް އަރާފައެވެ.
އުމުރުން 25 އަހަރުވަންދެން ޕްރޮފެޝަނަލް ފުޓްބޯޅަ ކޮންޓްރެކްޓެއްގައި ސޮއިނުކުރާ، އަދި ޕޯޗުގަލްގެ ޖީޑީ ޗާވްސްއާއެކު ހެދި ކޮންޓްރެކްޓް ހަމަވުމުން މިފަހަރުގެ މުބާރާތަށް 'ފްރީ އެޖެންޓެއް'ގެ ގޮތުގައި ނުކުތް ވޮޒީނިއާއަށް މިއީ އޭނާގެ ބުރަ މަސައްކަތުގެ ފޮނި މޭވާއެވެ.
"އަހަރެން މުޅި އުމުރު ދުވަހު މަސައްކަތްކުރީ މިފަދަ ވަގުތަކަށް. އަހަރެންގެ އުމުރަކީ މިހާރު 40 އަހަރު... މިއީ މި ދިގު ދަތުރުގެ އުޖޫރަ. މި ވޯލްޑް ކަޕަށްފަހު، ދުނިޔޭގެ އެންމެން ކޭޕް ވާޑް ދަންނާނެ."- ވޮޒީނިއާ
ކޭޕް ވާޑްގެ މި ތާރީހީ ދަތުރު ގަދަ 32 ގެ ބުރުގައި ލިއޮނަލް މެސީގެ އާޖެންޓީނާ އަތުން އިތުރު ވަގުތު ކުޅެ 3-2 އިން ބަލިވެ ނިމުމަކަށް އައި ނަމަވެސް، ވޮޒީނިއާ މުބާރާތުން ވަކިވީ ހަމައެކަނި ގައުމީ ބަތަލެއްގެ ގޮތުގައެއް ނޫނެވެ. އޭނާ ވަކިވީ މުޅި ދުނިޔޭގެ އިންޓަނެޓް ސުޕަރސްޓާރެއްގެ ގޮތުގައެވެ.




