ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމް ފެސިލިޓީ ގާއިމުކުރުމަށް ބޭނުންވާ ސާމާނު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
2026 ގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތައް ގާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ.
މި ވަޢުދު ކާމިޔާބުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.
މި އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ބަހާލެވިފައިވާ ބައިތަކަކީ:
-
އެޗްޑީސީއާ ހަވާލުކުރެވުނު މަޝްރޫޢު: 71 ރަށް
-
ސަރުކާރުގެ އެކި ކުންފުނިތަކާ ހަވާލުކުރެވުނު ޖުމްލަ: 102 އައުޓްޑޯ ޖިމް
-
އަމިއްލަ ކުންފުނިތަކާ ހަވާލުކުރެވުނު މަސައްކަތް: 7 އައުޓްޑޯ ޖިމް
މި މަޝްރޫއަކީ އެޗްޑީސީގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ރައްޔިތުންގެ ދުޅަހެޔޮކަމާއި ދުވެލި ހަލުވިކުރުމަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.




