ފުލުހުންގެ ހަގީގީ ކާމިޔާބީއަކީ ކޮނޑުގައި ޖަހާ ރޭންކެއް ނުވަތަ މެޑެއްޔެއް ނޫން ކަމަށާއި، އެއީ ކުށުގެ ނުރައްކަލުން ސަލާމަތްވުމުން ރައްޔިތެއްގެ މޫނުމަތިން ފެންނަ އުފާވެރި ހިނިތުންވުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ މިހެން ވިދާޅުވީ ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ގޮތުން ބޭއްވި ފާސިންގ އައުޓް ޕެރޭޑްގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާނެވެ. ކޮމިޝަނަރ ވަނީ މިނިސްޓަރ ވަޑައިގެންދެއްވި ކަމަށްޓަކައި މުޅި މުއައްސަސާގެ ނަމުގައި ޚާއްސަ ޝުކުރެއް ދަންނަވައިފައެވެ.
ކޮމިޝަނަރ ޒުވާން އޮފިސަރުންނަށް ނަސޭހަތްތެރިވަމުން ވިދާޅުވީ، ތަމްރީނުގެ ދުވަސްތަކުގައި ހޫނު އަވީގައާއި ފިނި ރޭގަނޑުތަކުގައި ދަސްކުރި އުކުޅުތަކާއި ހުނަރުތަކަކީ ފުލުހުންގެ ހަށިގަނޑުގައި ހިނގަންޖެހޭނެ ގައުމީ ލޭ ކަމުގައި ހަދަންޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މާނައަކީ ހަމައެކަނި ގާނޫނު ތަންފީޒު ކުރުން ނޫން ކަމަށާއި، ފުލުހުންނަކީ މުޅި މުއައްސަސާގެ ލޯގަނޑު ކަމަށް ވެސް ވިދާޅުވިއެވެ.
"ތިޔަ ލައިގެން ތިބި ނޫކުލައިގެ ޔުނީފޯމަކީ ހަމައެކަނި ފޭރާމެއް ނޫން. އެއީ މަގުމަތީގެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއިން ރައްޔިތުންނަށް ފެންނާނެ ސަލާމަތާއި ރައްކާތެރިކަމުގެ ސޫރަ." ސީޕީ ވިދާޅުވިއެވެ.
ހަމައެހެންމެ، ތަމްރީނު މައިދާނުގައި އޮހޮރުވާލި ކޮންމެ ދާ ތިއްކަކީ މަގުމަތީގެ އަމާންކަމާއި ރައްޔިތުންގެ ހިތަމަޖެހުމަށްޓަކައި ވާންޖެހޭ ގުރުބާނީގެ ފެށުން ކަމުގައި ބަޔާންކުރައްވައި، ދިވެހި ފުލުހުންގެ ޝަރަފާއި ކަރާމާތް ހިފެހެއްޓުމަކީ ކޮންމެ ފުލުހެއްގެ ބޮލުގައި އެޅިފައިވާ ވާޖިބެއް ކަމަށް ވިދާޅުވިއެވެ. އަދި ﷲ ސުބްހާނަހޫ ވަތައާލާ ހިތާއި އަމަލުތައް މޮޅަށް ބައްލަވާ ވۆޑިގެންވާ ކަން އަބަދުމެ ހަނދާނުގައި ބެހެއްޓުމަށް އިލްތިމާސް ކުރެއްވިއެވެ.
އަސާސީ ތަމްރީނުތައް ޒަމާނީ ފެންވަރަށް މަތީ ހަރުފަތަކަށް ގެންދިއުމަށް ފުލުހުންގެ ކޮލެޖުގެ އިސްވެރިންނާއި މުވައްޒަފުންގެ ކިބައިން ކޮމިޝަނަރ ވަނީ އެދިވަޑައިގެންފައެވެ. ސީޕީގެ އެންމެ ބޮޑު އެދިވަޑައިގަތުމަކީ، ކުރިއަށް އޮތް 43 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހާ އެކު ޒަމާނީ ބަދަލުތައް އަމަލީ ގޮތުން ތަންފީޒުވާން ފެށުމެވެ. އަދި އަލަށް އެކުލަވައިލެވޭ މަންހަޖުގެ ދަށުން އަމަލީ މައިދާނުގައި ފެންވަރު ރަނގަޅު ނަމޫނާ އޮފިސަރުން ބިނާކުރުމަށް ހާއްސަ އިސްކަމެއް ދެއްވުމަށް ވެސް އެދިވަޑައިގަތެވެ.
ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅު މަތިން ހަނދާންކޮށްދެއްވަމުން، ތަމްރީނު މަރުކަޒުތައް ޒަމާނީ ވަސީލަތްތަކުން ފުރިގެންވާ ތަންތަނަށް ބަދަލުކޮށް، ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރާއި ގަދަރު ލިބިގެންވާ ތަނަކަށް ހައްދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިކަން ފާހަގކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވައިލައްވަމުން، ފުލުހުންގެ ހިދުމަތް ތަރައްގީކޮށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅަށާއި، ކޮލެޖުގެ ހިންގުންތެރި ވެރިންނާއި މުދައްރިބުން ކުރެއްވި ބުރަ މަސައްކަތަށް ސީޕީ ޝުކުރާއި ސާބަސް ދެންނެވިއެވެ. މީގެ އިތުރުން، ދަސްވެނިވި ހުރިހާ އޮފިސަރުންނަށާއި އެ ފަރާތްތަކުގެ ބެލެނިވެރިންނަށް ތަހުނިޔާ އާއި މަރުހަބާ ވިދާޅުވިއެވެ.



