މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލްކުރާ ޑިރެކްޓަރުގެ މަޤާމުތަކުގެ ތެރެއިން ހުސްވެފައިވާ ދެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ. ޕެންޝަން އޮފީހުން ވިދާޅުވި ގޮތުގައި މި ފުރުސަތު ހުޅުވާލާފައިވަނީ ބޯޑުގައި އަމިއްލަ ފަރާތްތައް ތަމްސީލުކުރާ މެންބަރުންގެ އަދަދު ހަމަކުރުމަށެވެ.
ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ހޮވުމާއި އައްޔަންކުރުމާބެހޭ އުސޫލާ އެއްގޮތަށެވެ. ބޯޑަށް މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން، މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ތިން ނަމެއް ޝޯޓްލިސްޓް ކުރާނެއެވެ.
އެއަށްފަހު، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަޤީންކުރާނެއެވެ. މި މަރުހަލާތައް ނިމުމުން، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުން ޕެންޝަން އޮފީހުގެ ބޯޑަށް ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 35 އަހަރު ފުރިފައިވާ ދިވެހިރައްޔިތުން ކަމުގައި ވާންޖެހޭނެއެވެ. އަދި ވިޔަފާރި، އިޤްތިޞާދީ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ޙާޞިލުކޮށްފައިވުމާއެކު، އެއިން ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށް، ދާއިރާގެ ތަޖުރިބާއާއި ފަންނީ ޤާބިލުކަން ލިބިފައިވާންޖެހޭނެއެވެ. މީގެ އިތުރުން ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާ ހާސިލުކުރައްވާފައިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ.
ވަޒީފާގެ ގޮތުން ބަލާއިރު، ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރައްވާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ. އަދި ސަރުކާރުން 50 އިންސައްތައަށްވުރެ މަތީ އަދަދަކަށް ހިއްސާވާ ކުންފުންޏަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ވެސް ވެގެން ނުވާނެއެވެ.
މި ދެ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ބޭނުންވާ ލިޔެކިޔުންތަކާއެކު، މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންޖެހޭނެއެވެ. ބޯޑު މެންބަރުންގެ މަސްއޫލިއްޔަތުތަކާއި، މެންބަރުން ހޮވުމުގައި އިސްކަންދޭނެ ދާއިރާތަކާއި މާކްސް ދިނުމުގެ އުސޫލު ހިމެނޭ ޓާރމްސް އޮފް ރެފަރަންސް (ޓީއޯއާރް) ޕެންޝަން އޮފީހުގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ.
2009 ވަނަ އަހަރު ޤާއިމްކޮށްފައިވާ ޕެންޝަން އޮފީހަކީ ރާއްޖޭގެ ޕެންޝަން ސްކީމްތައް ބެލެހެއްޓުމަށް އުފައްދާފައިވާ މުއައްސަސާއެކެވެ. މި އޮފީސް ހިންގަނީ 8 މެންބަރުންގެ ބޯޑެއްގެ ދަށުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބޯޑުގެ ޗެއަރޕަރސަންއާއި، ސީއެމްޑީއޭގެ އިސް މުވައްޒަފަކާއި، ފިނޭންސް މިނިސްޓްރީގެ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާ ބެހޭ ވުޒާރާގެ އިސް މުވައްޒަފެއްގެ އިތުރުން ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ، ސަރުކާރުގެ ވަޒީފާ އަދާނުކުރައްވާ 4 މެންބަރުންނެވެ.



