ދިވެހިރާއްޖޭގެ ކީސްޓޭޖް 1 ގެ ދަރިވަރުންގެ ފެންވަރު، ދުނިޔޭގެ އެހެން ގައުމުތަކުގެ އެ އުމުރުފުރާގެ ކުދިންގެ ނަތީޖާއާ އަޅާކިޔުމަށްޓަކައި މިއަހަރުގެ ނޮވެމްބަރު މަހު ހާއްސަ ބައިނަލްއަގްވާމީ އިމްތިހާނެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ ކީސްޓޭޖް-3 ގެ ގައުމީ އެސެސްމަންޓް ރިޕޯޓް ނެރުމުގެ ރަސްމިއްޔާތުގައެވެ.
ވަޒީރު ޝަފީއު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ހެކިތަކުގެ މައްޗަށް ބިނާކޮށް ތައުލީމީ ނިޒާމު ބައްޓަންކުރުން ކަމަށެވެ. މީގެކުރިން ނަގާފައިވާ އެސެސްމަންޓްތަކުގެ ނަތީޖާއަށް ބަލައި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައިނުވި ނަމަވެސް، މިހާރު ދަނީ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުގެ ހޯދުންތަކަށް ރިއާޔަތްކޮށް މަންހަޖަށް ބަދަލުތައް ގެންނަމުންނެވެ. އެގޮތުން ރައީސްގެ ރިޔާސީ ބަޔާނާ އެއްގޮތަށް، ކީސްޓޭޖް 1 ގެ ތީމެޓިކް ފޮތްތަކާއި އުނގަންނައިދިނުމުގެ އުސޫލުތައް ދަރިވަރުންނާއި މުދައްރިސުންނަށް އެންމެ ފައިދާހުރި ގޮތަށް ބަދަލުކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީގެ އެސެސްމަންޓްތަކުން ހިސާބު މާއްދާގެ ނަތީޖާ ދަށްކަން ފާހަގަކުރެވިފައިވާތީ، އެކަން ހައްލުކުރުމަށް މުދައްރިސުން ތަމްރީނުކުރުމާއި، ކީސްޓޭޖް 1 ގައި ހިސާބަށް ކަނޑައަޅާ ވަގުތު އިތުރުކޮށް ފޮތްތައް އަލުން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކީސްޓޭޖް 3 ގައި އަލަށް ސައިންސް ހިމަނައިގެން 5 މާއްދާއެއް ވަޒަންކޮށްފައިވާއިރު، އިސްލާމް އަދި ދިވެހި މާއްދާގެ ނަތީޖާ ރަނގަޅު ނަމަވެސް، އެ ނަތީޖާ ވެސް އިތުރަށް މަތިކުރަން މަސައްކަތް ކުރަންޖެހޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.



