ރާއްޖެއިން ފުރައިގެން ދަތުރުކުރި ކާގޯ ބޯޓެއްގެ ކޮމްޕާޓްމެންޓުތަކެއްގައި ފެންބޮޑުވެ، ފެތެމުންދަނިކޮށް އިންޑިއާގެ ކޯސްޓް ގާޑުން އެ ބޯޓު ސަލާމަތްކޮށްފިއެވެ.
އިންޑިއާގެ ކޯސްޓް ގާޑުން ހާމަކޮށްފައިވާ ގޮތުގައި، ދިޔަވެގެން ކުއްލި އެހީތެރިކަމަށް އެދިފައިވަނީ "އެމްވީ ސިއްތާ" ނަމަކަށް ކިޔާ ބޯޓެކެވެ. މި ހާދިސާ ހިނގިއިރު އެ ބޯޓު ދަތުރުކުރަމުން ދިޔައީ އިންޑިއާގެ ޓުޓިކޮރިންގެ ބޭރުންނެވެ.ބޯޓުން އެހީއަށް އެދުމާ އެކު، އިންޑިއާގެ މަނަވަރެއް ވަގުތުން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ކޯސްޓް ގާޑުން ބުނެއެވެ. އެގޮތުން ކޯސްޓް ގާޑުގެ ޓީމުން ބޯޓަށް އަރައި، ދިޔަ އަރަމުންދިޔަ ތަންތަން ބައްދައި މަރާމާތުކުރުމުގެ އިތުރުން، ބޯޓަށް ވަދެފައި ހުރި ފެންތައް ވަނީ ހިއްކާފައެވެ.
"ބޯޓު އެންމެ ރަނގަޅަށް މަރާމާތު ކުރުމަށްޓަކައި، ޓުޓިކޮރިންގެ ބަނދަރަށް ވަނުމަށް މިހާރު ވަނީ އިރުޝާދު ދެވިފައި،" އިންޑިއާ ކޯސްޓް ގާޑުން ބުންޏެވެ.އިންޑިއާގެ ކޯސްޓް ގާޑުން އިތުރަށް ބުނެފައިވަނީ، ބޯޓާއި އޭގައި ތިބި ފަޅުވެރިންގެ ހާލަތު މިހާރު އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ.
ރާއްޖެއިން ފުރައިގެން ދަތުރުކުރި ކާގޯ ބޯޓެއް ފެތެމުންދަނިކޮށް އިންޑިއާ ކޯސްޓް ގާޑުން ސަލާމަތްކޮށްފި
ގުޅުންހުރި ލިޔުންތައް
Advertisement



