ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ދެ ގައުމު ގުޅިގެން އަސްކަރީ ތަމްރީނުތައް ހިންގައި ފަންނީ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ދިފާޢީ ވުޒާރާއާއި ސައޫދީ އަރަބިއްޔާއާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ސައޫދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރ، ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ހާއްސަ ދައުވަތަކަށް، ދިވެހިރާއްޖޭގެ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު މިހާރު ސައޫދީއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ޙަސަން ރަޝީދު ވަނީ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައި.އެމް.ސީ.ޓީ.ސީ) ގެ ޑެޕިއުޓީ މިލިޓަރީ ކޮމާންޑަރ މޭޖަރ ޖެނެރަލް ޢަބްދުﷲ ބިން ޙާމިދު އަލް-ޤުރައިޝީއާ ބައްދަލުކުރައްވައި، ރަސްމީ ދިފާއީ ބައްދަލުވުމެއް ބާއްވަވާފައެވެ.
ބައްދަލުވުމުގެ މައިގަނޑު ތަފްސީލް
މި ބައްދަލުވުމުގެ ތެރެއިން އެންމެ އިސްކަމެއް ދީގެން ވާހަކަދެކެވުނީ ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ ބައިނަލްއަގުވާމީ މަސައްކަތްތަކުގައި ރާއްޖެއާއި ސައޫދީއާ ދެމެދު އޮތް ގުޅުން އާ ހިސާބަކަށް ހަރުދަނާކުރުމަށެވެ. އެގޮތުން ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ހާއްސަ ތަމްރީނުތަކެއް ހިންގުމާއި، ދެފަރާތުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން ސަރަހައްދީ ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި ކުރިމަތިވަމުންދާ ސަލާމަތީ ނުރައްކާތަކާއި ގޮންޖެހުންތަކަށް ހަރުދަނާކަމާއެކު ކުރިމަތިލުމަށްޓަކައި، ދެ ގައުމުގެ ދެމެދުގައި އޮތް އިސްތިރާޖީ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.
"ދުނިޔެއަށް ކުރިމަތިވަމުންދާ ސަލާމަތީ ނުރައްކާތަކުން ސަލާމަތްވުމަށާއި، ސަރަހައްދީ ސުލްހަމަސަލަސްކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ދެ ގައުމުން ކުރަމުންދާ މަސައްކަތްތައް މި ބައްދަލުވުމުގައި ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ."
ރާއްޖޭގެ ދިފާއީ ވަޒީރު ސައޫދީއަށް ކުރައްވަމުންދާ މި ދަތުރުފުޅަކީ ދެ ގައުމުގެ އަސްކަރީ އަދި ސަލާމަތީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބުނު މުހިންމު ފުރުސަތެއްގެ ގޮތުގައި ދިފާއީ ވުޒާރާއިން ސިފަކުރެއެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދިފާއީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.



