ލ. އަތޮޅުގައި އަޅާ ދެވަނަ އެއާޕޯޓު ސަރުކާރުން ލ. އިސްދޫގައި އަޅާގޮތަށް ނިންމުމާ ގުޅިގެން، އެ އަތޮޅު މާވަށުގެ ރައްޔިތުން މިއަދު ހަވީރު އިހުތިޖާޖުކުރުމަށް ނިންމައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، އާބާދީ އެއްފަސްކުރުމާއި ތަރައްގީގެ ފުރުސަތުތައް ފުޅާދާއިރާއެއްގައި އޮތް އިސްދޫ ކަލައިދޫގައި އެއާޕޯޓު އެޅުމަށް ނިންމާފައިވާ ކަމަށެވެ.
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގަތީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މާވަށަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައެވެ. ނަމަވެސް، އެއާޕޯޓު އިސްދޫ ކަލައިދޫއަށް ބަދަލުކުރުމުން މާވަށު ޕީއެންސީ ގުރޫޕުގެ ފަރާތުން ދަނީ ރައީސަށް ހުށަހެޅުމަށް ޕެޓިޝަނެއް ތައްޔާރުކުރަމުންނެވެ.
"އެއާޕޯޓު އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމި ދުވަހަކީ މާވަށު ރައްޔިތުންގެ އުންމީދުތައް ފުނޑުފުނޑުވެ، މުޅި ރަށް މާޔޫސްކަމުގެ ތެރެއަށް ވައްޓާލި 'ކަޅު ދުވަހެއް'. މިއީ ދަތުރުފަތުރުގެ ވޭނީ ތަކުލީފުން ސަލާމަތްވުމަށް މުޅި ރަށުގެ ރައްޔިތުންގެ އެއްބާރުލުމާއެކު ރައީސްގެ ސަމާލުކަމަށް ހުށަހަޅާ ރަސްމީ އާދޭހެއް." ޕެޓިޝަންގައި ބުނެފަވެއެވެ.
އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މާވަށަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި މުޅި ރާއްޖެއިން ދެވަނައަށް އެންމެ ބޮޑު އިންސައްތައެއްގެ ވޯޓު ރައީސް މުއިއްޒަށް ދިން ދާއިރާއެވެ. އަދި ފަހުން ބޭއްވުނު ކައުންސިލް ގޮނޑިތަކާއި ރިފަރެންޑަމްގައި ވެސް ސަރުކާރަށް ބޮޑުތަނުން 'އާނއެކޭ' ބުނީ އެއާޕޯޓުގެ އުންމީދުގައެވެ. ނަމަވެސް މި ނިންމުމުގެ ސަބަބުން ރަށުގެ ސިޔާސީ މަސްރަހު ގަޑުބަޑުވެ، އާންމު މެމްބަރުން ދަނީ ބޮޑުތަނުން ނުރުހުން ފާޅުކުރަމުންނެވެ.
މާވަށު ކައުންސިލް މެންބަރު އަޙްމަދު އަޒްމީލް ވިދާޅުވި ގޮތުގައި، ޕެޓިޝަނުގައި ސޮއިހަމަކުރުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ. އަދި މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް މިއަދު ހަވީރު 16:30 ގައި މާވަށު ބަނދަރު ސަރަހައްދުގައި އިހުތިޖާޖު ކުރުމަށް ރަށުގެ ރައްޔިތުން ވަނީ ނިންމާފައެވެ. މި މައްސަލައިގައި ކައުންސިލުން ވަކި ކޮޅަކަށް ނުޖެހި ހަނު އޮތް ނަމަވެސް، ރައީސް ރަށަށް ވަޑައިގެން އެއާޕޯޓު އަޅާދޭނެ ފަދަ ގޮތަކަށް ވާހަކަދެއްކެވުމަށްފަހު ނިންމުން ބަދަލުވުމުން ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.
ލ. އަތޮޅަކީ ގުދުރަތީ ގޮތުން މުއްސަނދި އަދި ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ އަތޮޅެކެވެ. މިހާރު އެ އަތޮޅުގައި އޮޕަރޭޓް ކުރަމުންދަނީ ހަމައެކަނި ލ. ކައްދޫ އެއާޕޯޓެވެ.



