މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް އެމްޕީއެލްގެ ބާޖަކުން ރޭ ކަނޑަށް ވެއްޓުނު ހަތަރު ކޮންޓެއިނަރުގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ދެ ކޮންޓެއިނަރު ކަމަށް ފުލުހުން ބުނެފިއެވެ.
ރޭ މާލެއަށް މޫސުން ވަރަށް ގޯސްވެފައިވަނިކޮށް ހިނގި މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 11:10 ހާއިރުއެވެ.
އެމްއެންޑީއެފް އަދި ފުލުހުން މައުލޫމާތު ދޭ ގޮތުގައި މޫދަށް ވެއްޓިފައިވަނީ ޖުމްލަ ހަތަރު ކޮންޓެއިނަރެވެ. މީގެ ތެރެއިން ދެ ކޮންޓެއިނަރު މިހާރު ފެނިފައިވާއިރު، ބާކީ ހުރި ކޮންޓެއިނަރުތައް ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން އޮޔާދާނެ ކަމަށް ފުލުހުން ލަފާކުރެއެވެ. މި ހާދިސާއާ ގުޅިގެން އެމްޕީއެލްއިން ބުނެފައިވަނީ ކަނޑަށް ވެއްޓިފައިވަނީ ހުސް ކޮންޓެއިނަރުތަކެއް ކަމަށެވެ.
ކޮންޓެއިނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވޭ ސަރަހައްދުން (ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދުން) ދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ރޭ މި ހާދިސާ ހިނގިއިރު މާލެ ސަރަހައްދަށް ވަނީ ވަރަށް ބޮޑަށް މޫސުން ގޯސްވެ، ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައެވެ.
މޫސުމާބެހޭ ގައުމީ އޮފީހުން (މެޓް) އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް ރެކޯޑުކުރެވުނު ވާރޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާލެއަށް 51.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހުޅުލެއަށް ވަނީ 53.6 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.




