ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އިންވެސްޓްމެންޓްގެ ދާއިރާއިންނާއި، މެރިޓައިމް އަދި އިޤްތިޞާދީ ދާއިރާއިން އޮތް ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މިއަދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އެފެއާޒް، އެސް. ޕޯލް ކަޕޫރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ މިއަހަރަށް 60 އަހަރު ފުރޭތީ އެކަން ޚާއްޞަގޮތެއްގައި ފާހަގަކުރައްވާފައިވެއެވެ. ރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ފުރަތަމަ ޤާއިމުކޮށްފައިވަނީ 9 އޭޕްރީލް 1966 ގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުން ގެންގުޅުއްވާ ޚާއްޞަ "މޯލްޑިވްސް ފަސްޓް" ޕޮލިސީ ނުވަތަ ދިވެހީންނަށް އިސްކަންދިނުމުގެ ސިޔާސަތަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢްތަކާއި، އިޤްތިޞާދު ސިންދަފާތުކޮށް ޤައުމަށް ފައިދާހުރި ކަންކަމަށް ރާއްޖޭގެ ބާޒާރު ފުރިހަމައަށް ހުޅުވާލެވިފައިވާކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އެންމެ ބޮޑަށް ބޭނުންވާ މުހިންމު ދާއިރާތަކުން ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަކީ މިވަގުތަށް ނުހަނު ބޭނުންތެރި ކަމެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓްގެ ވާހަކަފުޅުގައި، ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން އޮތް ގުޅުންތައް ފުޅާކުރުމަށް އެމެރިކާއިން ބޭނުންވާކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން، އިންޑިއާ ކަނޑުގެ ސަރަޙައްދީ ސަލާމަތާއި މެރިޓައިމް ސެކިއުރިޓީ ފަދަ މުހިންމު ދާއިރާތަކުން ދެޤައުމު ގުޅިގެން ބަދަހިކަމާއެކު މަސައްކަތް ކުރުމުގެ ބޮޑު ޝައުޤުވެރިކަމެއް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ދާއިރާތަކަކީ ދެ ޤައުމުގެ ސީދާ މަޞްލަޙަތު ހިމެނޭ އަދި މުޅި ސަރަޙައްދީ ހަމަޖެހުމާވެސް ގުޅިފައިވާ މުހިންމު ކަންތައްތަކެއްކަން ދެފަރާތުންވެސް ބައްދަލުވުމުގައި ޤަބޫލުކުރައްވާފައިވެއެވެ.
މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ ދެ ޤައުމަށްވެސް އެކި ދާއިރާތަކުން ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު އާކުރައްވަމުންނެވެ. ރައީސް މުޢިއްޒު ވަނީ އެމެރިކާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ދެޤައުމުގެ މެދުގައި އޮތް ރަޙުމަތްތެރިކަމުގެ ބަދަހި ގުޅުން އިތުރަށް ފުޅާވެ، ވަރުގަދަވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.




