މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުގެ މަޤާމަށް އައްޔަންކުރައްވާފައިވާ ޙަސަން ޒަރީރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރަސްމީކޮށް ރުހުން ދީފިއެވެ. ޒަރީރަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކުރީ، ރައީސުލްޖުމްހޫރިއްޔާ އޭނާ އެ މަގާމަށް އައްޔަންކުރެއްވުމަށްފަހު ރުހުން ހޯއްދެއްވުމަށް މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރި، ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ނިންމުމަށް ރިއާޔަތްކޮށް، މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާޤުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު އައްޔަން ކުރައްވާފައިވަނީ މި ހިނގާ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ. ޤާނޫނުއަސާސީގައިވާ ގޮތުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަންކުރެއްވުމަށްފަހު، އެ ބޭފުޅަކަށް ޤާނޫނީ ބާރުވެރިކަން ލިބިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ. މިގޮތުން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުގެ ކުރިން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މި މައްސަލަ ދިރާސާކުރިއިރު، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާޤުންވެސް ނިންމާފައިވަނީ ޒަރީރަށް ރުހުން ދޭން ފެންނަ ކަމަށެވެ.
މާލީ ވަޒީރުކަމުގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ޙަސަން ޒަރީރަކީ ރާއްޖޭގެ މާލީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރުކަމުގެ މަޤާމާއި، ކޮމިޝަނަރ ޖެނެރަލްގެ މަޤާމުވެސް އެމަނިކުފާނު ވަނީ ކުރިން ފުރުއްވާފައެވެ.
މާލީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ޒަރީރު ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އިން ބެޗްލަރ އޮފް އެކައުންޓިން ހާސިލްކުރެއްވުމުގެ އިތުރުން، މާސްޓަރ އޮފް ސައިންސް ފިނޭންސް ވެސް ފުރިހަމަކުރައްވާފައެވެ. މާލީ ދާއިރާގެ ބޮޑު ތަޖުރިބާއަކާއެކު އޭނާ މި މަގާމާ ހަވާލުވެވަޑައިގަތުމުން، ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ބެލެވެއެވެ.



