ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް (އެޗްއެސްއައި) އާ ދެމެދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދެ މުއައްސަސާގެ ފަރާތުން ސޮއިކުރެއްވީ:
-
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން: ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު.
-
އެމެރިކާގެ އެޗްއެސްއައި ގެ ފަރާތުން: ރީޖަނަލް އެޓޭޗޭ މިސްޓަރ އާލް މަޓިއަރ
މި ރަސްމިއްޔާތުގައި ދެ މުއައްސަސާގެ އިސް ބޭފުޅުންނާއި ސީނިއާ އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.
ފަހުމުނާމާގެ ދަށުން ކުރެވޭނެ މުހިންމު މަސައްކަތްތައް:
-
މައުލޫމާތު ހިއްސާކުރުން: ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާާާ ގުޅޭ މުހިންމު މައުލޫމާތާއި އަދާހަމަތައް ދެފަރާތުގެ މެދުގައި ބަދަލުކުރުން.
-
ގުޅިގެން ހަރަކާތްތެރިވުން: ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމަށާއި، އެފަދަ މައްސަލަތައް ތަހުގީގުކުރުމުގައި ދެ ގައުމުން އެކުގައި މަސައްކަތް ކުރުން.
-
މަޝްވަރާކުރުން: ސަލާމަތީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ފަރާތުގެ މެދުގައި ދާއިމީގޮތެއްގައި މަޝްވަރާތައް ކުރިއަށްގެންދިއުން.
ލިބިގެންދާނެ ކުރިއެރުން: މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެއެވެ. އަދި ފުލުހުންގެ ތަހުގީގީ ދާއިރާގެ ގާބިލުކަން އިތުރުވެ، ބޯޑަރު ހުރަސްކޮށް ކުރިމަތިވާ ސަލާމަތީ ނުރައްކާތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ކުރިއަށްވުރެ ބޮޑަށް ހަރުދަނާވެގެންދާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކުރެއެވެ.



