ސައުދީ އަރަބިއްޔާގެ މަގުބޫލު ބަޖެޓް އެއާލައިން، "ފްލައިނާސް" އިން ރާއްޖެއަށް ކުރާ ސީޒަނަލް ޝެޑިއުލް ދަތުރުތައް އަލުން ފަށައިފިއެވެ.
ދަތުރުތައް އަލުން ފެށުމުގެ ގޮތުން، އެ އެއާލައިންގެ ފުރަތަމަ ފްލައިޓް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖެއްސުމުން، އެ ފްލައިޓަށް ވަނީ ވޯޓާ ސަލިއުޓަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ. މީގެ އިތުރުން، ދިވެހި ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކާއެކު ފަސިންޖަރުންނަށް މަރުހަބާ ކިޔައި، މި ދަތުރުގައި ބައިވެރިވި ފަރާތްތަކަށް ވަނީ ހާއްސަ ހަނދާނީ ހަދިޔާވެސް ބަހާފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މައުލޫމާތު ދޭ ގޮތުގައި، ފްލައިނާސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އަމާޒުކޮށްފައިވަނީ ސައުދީގެ ވެރިރަށް ރިޔާދުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މި ގޮތުން ކޮންމެ ހަފުތާއަކު ތިން ދަތުރު (އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު) ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތަކަށް ބޭނުންކުރާނީ އޭ-320 ނިއޯ މަރުކާގެ އެންމެ ފަހުގެ ބޯޓުތަކެވެ.
ފްލައިނާސްގެ ދަތުރުތައް އަލުން ފެށުމަކީ މެދުއިރުމަތީގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ. ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓަކަށް ވާއިރު، މި ދަތުރުތަކުގެ ސަބަބުން އެ ސަރަހައްދުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ދެ ގައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.
ފްލައިނާސްއަކީ މެދުއިރުމަތީގެ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް އެއާލައިން ކަމަށްވާއިރު، މި ފެށުނު ދަތުރުތަކާއެކު ވީއައިއޭއަށް އޮޕަރޭޓްކުރާ ބައިނަލްއަގުވާމީ އެއާލައިންތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މޫސުން ކުރިއަށް އޮތް ދުވަސްވަރު އިގްތިސާދަށް ލިބިގެންދާނެ އިތުރު ކުރިއެރުމެކެވެ.



