މި ހިނގަމުންދާ އަހަރުގެ މިހާތަނަށް ފުލުހުންގެ އިދާރާއަށް އެންމެ ގިނަ އަދަދަކަށް ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޖުމްލަ 5،599 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު، މީގެ ތެރޭގައި ޖަނަވަރީ މަހު 1،208 މައްސަލަ، ފެބުރުވަރީ މަހު 953 މައްސަލަ، އަދި މާޗު މަހު 972 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން އޭޕްރިލް މަހު 1،020 މައްސަލަ އަދި މެއި މަހު 1،052 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، މި ހިނގާ ޖޫން މަހުގެ މިހާތަނަށް 494 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރު ހުށަހެޅި މައްސަލަތަކުގެ 28.7 އިންސައްތައަކީ ވައްކަމުގެ މައްސަލަތަކެވެ. އެއީ ޖުމްލަ 1،606 މައްސަލައެވެ. ދެވަނައަށް އެންމެ ގިނައީ މަގުމަތީގެ އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އެގޮތުން 1،456 އެކްސިޑެންޓް ރިޕޯޓުކޮށްފައިވާއިރު، މިއީ މުޅި ޖުމްލަ މައްސަލަތަކުގެ 26 އިންސައްތައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ނިމިދިޔަ އަހަރު ޓްރެފިކް އެކްސިޑެންޓްގެ ޖުމްލަ 3،478 މައްސަލައެއް ފުލުހުން ބަލާފައިވެއެވެ.
އެހެނިހެން ކުށްތަކަށް ބަލާއިރު، މަސްތުވާތަކެތީގެ 963 މައްސަލައަކާއި، ތަކެތި ގެއްލިގެން ހުށަހެޅި 472 މައްސަލައެއްގެ އިތުރުން، މާރާމާރީއާއި ހަމަލާދިނުމުގެ 597 މައްސަލައެއް (302 ހަމަލާދިނުން އަދި 295 ތަޅާފޮޅުން) ހިމެނެއެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ 164 މައްސަލަ، ޚިޔާނާތުގެ 124 މައްސަލަ، ޖިންސީ ކުށުގެ 115 މައްސަލަ، ފޭރުމުގެ 80 މައްސަލަ އަދި ފޯޖަރީ ނުވަތަ ލިޔެކިޔުން އުފެއްދުމުގެ 22 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
ނިމިދިޔަ 2023 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުޅި އަހަރު ތެރޭގައި 12،108 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އެ އަހަރު އެންމެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު މަހުގައެވެ. އެއީ ޖުމްލަ 1،156 މައްސަލައެވެ.




