މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ހުރި ކުރެހުންތަކާއި ލިޔުންތައް (ގްރެފިޓީ) ނައްތާލުމުގެ މަސައްކަތް ފުލުހުންގެ ފަށައިފިއެވެ.
މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތަކީ ފުލުހުންގެ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާޓްމަންޓާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. މި އޮޕަރޭޝަނުގެ ތެރެއިން މާލޭގެ މަގުތަކުގެ ފާރުތަކުގައާއި، ސިނަމާލެ ބްރިޖު ސަރަހައްދުގައި ހުރި ބޭއަދަބީ ކުރެހުންތަކާއި ލިޔުންތައް ވަނީ ކުލަލައި ފޮހެލާފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި މިއީ މާލެ ސިޓީގެ އަމާންކަމާއި ރީތިކަން ދެމެހެއްޓުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ މަސައްކަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ސިޓީ ކައުންސިލާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި މިފަދަ ތަންތަން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެއެވެ.
މާލެ ސިޓީއަކީ އެންމެނަށް އަމާން އަދި ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި ފުލުހުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިޖުތިމާއީ މިންގަނޑުތައް ހިފެހެއްޓުމަށް މިފަދަ ހަރަކާތްތައް ހިންގުމަކީ ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް އެ މުއައްސަސާއިން ފާހަގަކުރެއެވެ.



