ސްޕެޝަލް ރެސްޕޮންސް އެންޑް ޑިޕްލޮއިމަންޓްގެ މުވައްޒަފުންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށާއި، ތަފާތު ހާލަތްތަކުގައި އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެ ފަދަ ހުނަރުވެރި ފުލުހުން ބިނާކުރުމުގެ މަގުސަދުގައި "ސްޕެޝަލް އޮޕަރޭޝަން ޓްރޭނިންގ" ޕްރޮގްރާމެއް ފަށައިފިއެވެ.
2026 ޖޫން 14 ވަނަ ދުވަހު ފެށި މި ތަމްރީނު ޕްރޮގްރާމަކީ މާލެ ސަރަހައްދާއި ދ. ވާނީ ކެމްޕަހުގައި ހަތް ހަފުތާގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 34 ފުލުހުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 27 ފިރިހެން ފުލުހުންނާއި 7 އަންހެން ފުލުހުންނެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ސަބަބުން، ސްޕެޝަލް ރެސްޕޮންސް އެންޑް ޑިޕްލޮއިމަންޓްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކޮށް، އޮޕަރޭޝަންތަކުގައި ހަލުވި އަދި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ފަންނީ ހުނަރާއި އަމަލީ ތަޖުރިބާ ލިބިގެންދާނެއެވެ.
މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން، ފުލުހުންގެ އޮޕަރޭޝަނަލް ރެޑިނަސް ރަނގަޅުކޮށް، ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.




